މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އިން ރައްކާތެރިވުމާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް މާފުށީ ޖަލުގައި ކުރިއަށް ގެންގޮސްފިއެވެ.
ކަރެކްޝަނަލް ސަރވިސް އިން ބުނީ މި ތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ އެސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނާއި އޮފިސަރުންނާއި މުވައްޒަފުންނަށް ކޮވިޑް-19 އާ ބެހޭ މަޢުލޫމާތު ޚިއްސާކޮށް، އެކި ހާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތްތަކާއި އަޅަން ޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތު ޚިއްސާކުރުން ކަމަށެވެ.
މި ގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއްގެ ގައިން ކޮވިޑް-19 ގެ އަލާމަތްތައް ފެނިއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި އެއްވެސް ފަރާތެއް އެ ވައިރަހަށް ޕޮޒިޓިވްވެއްޖެ ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ދީފައިވާކަމަށް ކަރެކްޝަންސް އިން ބުނެއެވެ. އަދި ޕަރސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅަންޖެހޭ ގޮތާއި ސާމްޕަލް ކަލެކްޓްކުރާނެ ގޮތްވެސް ވަނީ ބައިވެރިންނަށް ކިޔައިދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި 40 ބައިވެރިން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޖަލުގެ މެޑިކަލް ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޕްރިޒަން އޮފިސަރުންނާއި މުވައްޒަފުން ހިމެނޭކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކަރެކްޝަނަލް ސަވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.