މިދިޔަ މާރޗު މަހު އުފެއްދި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ރައީސް އޮފީހުގެ ކުރީގެ ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސައިފި އެވެ.
ސައީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް 2011 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުން އޭނާއާ ހަވާލު ކުރެއްވީ ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންސީއެލް) އޮފީސް ހިންގުމެވެ.
އެމްއެސްއެސްގެ ފުރަތަމަ ބޯޓު "އެމްވީ އައިބީރިއަން" އާދިއްތަ ދުވަހު މާލޭގެ ވިޔަފާރި މައި ބަނދަރު ކަމަށްވާ އެމްޕީއެލްގައި ބަނދަރު ކޮށްފައިވާއިރު، އެމްޕީއެލް ސަރަހައްދުގައި ވަނީ ޝިޕިންގލައިން ފެށުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތުގައި ސައީދުގެ އިތުރުން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްއެސްއެސް އަކީ އެސްޓީއޯގެ ދަށުން ހިނގާ އެސްޓީއޯގެ ކުންފުންޏެކެވެ.
ޝިޕިންގލައިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެކުންފުނީގެ އޮޕަރޭޝަންތައް ފެށުމާއެކު ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭރު ބަޔަކަށް ބަރޯސާވާން ދެން ނުޖެހޭނެ ކަމަށެވެ. އަދި ޒަމާންތަކަކަށްފަހު، ދިވެހި ޝިޕިން ލައިނެއް އަނެއްކާވެސް އުފެދިގެން ދިޔުމަކީ ރާއްޖޭގެެ ރަައްޔިތުންނަށް އާ އުއްމީދުތަކެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
އާދިއްތަ ދުވަހު އެބޯޓު އެމްޕީއެލްގެ ބަނދަރަށް ކައިރިކުރިއިރު، އެ ބޯޓުގައި ކާބޯތަކެއްޗާއި ސިއްހީ ބައެއް ސާމާނުތައް ނެގެސްފައި ވެއެވެ. އެތަކެތި ގެނެސްފައިވަނީ ސްރީލަންކާއިން ނެވެ. މިއީ 700 ކޮންޓެއިނަރގެ މުދާ އުފުލޭ ބޯޓެކެވެ.
ސައީދު ވިދާޅުވީ، ދުނިޔޭގެ ކޮންމެތަނަކުން ވިޔަސް ރާއްޖެއަށް މުދާ ގެނައުމުގެ ހިދްމަތް މިއަދުން ފެށިގެން އެ ޝިޕިންގ ކުންފުނީގެ ފަރާތުން ލިބިގެންދާނެ ކަމަށެވެ.