މާލެ ހިމެނޭ ޞަރަޙައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހޮނިހިރު ދުވަހު ބޭރަށް ނިކުމެ އުޅުނު 141 މީހަކު ފުލުހުން ހުއްޓުވި ކަމަށް ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތަކުގެ ތެރެއިން ބޭރު ތެރޭގައި އުޅުން ވަކި ވަގުތުތަކެއް މަނާކުރެވިގެން ދިޔައީ މުހިންމު މަޤުޞަދެއްގައި ކަމަށެވެ.
ފުލުހުންނާއި ޙަވާލާދީ މަބްރޫކް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ހޮނިހިރު ދުވަހު ވެސް 141 މީހަކު ފުލުހުން ހުއްޓުވާފައިވާ ކަމަށެވެ. އެއީ 119 ދިވެހިންނާއި، 22 ބިދޭސީން ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިދަނޑިވަޅުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ބޭރަށް ނުކުމެ ނޫޅުމަށް އަދި މަނާވަގުތުތަކައި ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކާފިއު ހިންގާ ވަގުތުތަކުގައި މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަޞޭޙަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު އިޢުލާނުކޮށްފައިވާއިރު އިސްތިޘްނާވާ ވަކި ފަރާތްތަކަށް ނޫން މީހުންނަށް މިވަގުތު ތެރޭގައި ބޭރުގައި ނޫޅެވޭނެއެވެ.
ފުލުހުން ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަޞޭޙަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ޢާންމު ޞިއްޙަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ޞިއްޙީ ނުރައްކަލުގެ ކުއްލި ޙާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރާނެއެވެ.