ވަޒީފާއާ ގުޅޭ އެކިއެކި މައްސަލަތަކުގައި ރިޕޯޓުކުރާ މިންވަރު އިތުރު ކަމަށާއި، މިހާތަނަށް 677 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކޮވިޑް-19ގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރިސޯޓުތަކާއި އެހެން ވެސް ވަޒީފާތަކުން ވަކިކުރެވޭ މީހުން ވަޒީފާތަކުން ވަކިކުރިކަން ސަރުކާރަށް އެންގުމަށްޓަކައި ޤާއިމުކުރި ޖޮބް ސެންޓަރ ރަޖިސްޓްރީ ކުރާ މިންވަރު އިތުރު ކަމަށެވެ.
އެގޮތުން ހޮނިހިރު ދުވަހުގެ ނިޔަލަށް 677 މީހަކު ޖޮބް ސެންޓަރުގައި ރަޖިސްޓަރ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރިސޯޓުތަކާ ގުޅޭ ގޮތުން އޮތް ދެވަނަ ކަމަކީ ރިސޯޓުތައް އެތަންތަނުން ގެސްޓުން ފުރާ ދިއުމަށްފަހު އެރަށްރަށުން ފޭބޭގޮތަށް ހުޅުވާލުން މިކަންކަމާ ގުޅިގެން އީމެއިލް ކުރަމުންދަނީ އެންއީއޯސީގެ އީމެއިލްތަކަށް އެގޮތުން ޖުމްލަ މިހާތަނަށް އައިރުގަ 290 އީމެއިލްއެއް މިދިޔަ 24 ގަޑިއިރު ތެރޭގައި އައިސްފައިވޭ.ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
މަބްރޫކް ވިދާޅުވީ އީމެއިލްތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެންއީއޯސީ ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 94 އިންސައްތަ އީމެއިލްއަށް ޖަވާބު ފޮނުވަމުންދާ ކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން ރައްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި އިޤުތިޞާދީ ޙަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައިވާ މިދަނޑިވަޅުގައި، ރާއްޖެއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.
އެގޮތުން ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމާއި، އެހެނިހެން އިޤުތިޞާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަޤުޞަދުގައި ވިޔަފާރިތަކައް ކޭޝް-ފްލޯވ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.
މިދަނޑިވަޅުގައި ވެސް ދިވެހި ސަރުކާރުން ބުނަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް، އަދި ރޯދަ މަހުގެ އިނާޔަތް ވެސް ދެވޭނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %20 އުނިކުރަން ނިންމާފައެވެ.