މުސާރަ ނުލިބޭ މުވައްޒަފެއްގެ ގޮތުގައި, ރައީސް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕް އެސިސްޓަންޓް ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ރަސްމީކޮށް އައްޔަން ކުރައްވާފައިވާކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ރައީސް ޓްރަމްޕްގެ ދޮށީ ދަރިކަނބަލުން އަމުދުން މާ ރަސްމީ ނޫން ގޮތަކަށް މަގާމަކަށް ވަޑައިގަތުމުން އެތިކްސް އެކްސްޕާޓުން ގެންދަވަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.
އުމުރުފުޅުން 35 އަހަރުގެ އިވަންކާ ވިދާޅުވީ އޭނާ އައްޔަން ކުރުމުން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އިވިވަޑައިގެންފައިވާކަމަށެވެ.
އެކަމަނާގެ ފިރިކަލުން ޖެރެޑް ކުޝްނާއަކީ ރައީސް ޓްރަމްޕްގެ ސީނިއަރ އެޑްވައިޒަރެވެ.
އިވަންކާ ވިދާޅުވީ ވައިޓް ހައުސްގެ ލަފާދާރެއްގެ ގޮތުގައި އެކަމަނާ މަސައްކަތް ކުރައްވާނީ ހެޔޮ ނިޔަތުގައި ކަމަށެވެ.
އެކަމަނާއަކީ މީގެ ކުރިން އެފަދަ އެއްވެސް މަގާމެއް އަދާކުރައްވާފައިވާ ބޭކަނބަލެއް ނޫނެވެ.
އެތިކްސް އެކްސްޕާޓުންވަނީ ޓްރަމްޕް މި މަގާމް އެކަމަނާއަށް ދެއްވަން އުޅުއްވާކަން މިދިއަ ހަފްތަގައި އެނގުމާއެކު ނުރުހުން ފާޅުކޮށްފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ އެކަމަނާގެ ދައުރުވެސް ވާންވާނީ ރަސްމީ ވަޒިފާތަކުގެ ތެރޭ ހިމެނިގެން ކަމަށާއި ޖަވާބުދާރީ ކުރުވޭނީ އޭރުން ކަމަށެވެ.
އިވަންކާގެ ވަކީލް ޖެމީ ގޮރެލިކް ވިދާޅުވީ އެ ކަމަނާގެ މާލީ ކަންކަމާއި އަދި އެހެނިހެން ކަންކަންވެސް އެތިކްސްއާ އެއްގޮތަށް ހާމަކުރައްވާނެ ކަމަށެވެ.