ކޮވިޑް-19 އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅެއްގެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަން ފަށާފައިވާ ކާފިއުގައި ހުކުރު ދުވަހު ބޭރަށް ނިކުމެ އުޅުނު 183 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 5 އަކުން ރޭގަނޑު 8 ޖެހުމާހަމައަށް ކާފިއު ހިންގުމަށް ނިންމާފައިވާއިރު މިއަދު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 183 މީހުންގެ ތެރޭގައި ހިމެނެނީ 32 ބިދޭސީއަކާއި 151 ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.
11 މީހަކަށް ދެވަނަ ފަހަރަށް ނަސޭހަތް ދެވިފައިވާ ކަމަށާއި އެކަކަށް ނަސޭހަތާއި އިންޒާރު ދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެއްވެސް މީހަކު ޖޫރިމަނާ ކޮށްފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ކާފިއު ހިންގާ ވަގުތުތަކުގައި މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަޞޭޙަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު އިއުލާންކޮށްފައިވާއިރު އިސްތިސްނާވާ ވަކި ފަރާތްތަކަށް ނޫން މީހުންނަށް މިވަގުތު ތެރޭގައި ބޭރުގައި ނޫޅެވޭނެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަސޭހަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.