އާރްއޯއެލް ކަސްޓަމަރުންނަށް ހިލޭ އިންޓަރނެޓް އެލަވަންސް ދޭން އެެ ކުންފުނިން ނިންމައިފިއެވެ.
އާރްއޯއެލް އިން ބުނީ ކޮވިޑް-19 އާ ގުޅިގެން އިންޓަރނެޓްގެ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވާ މިފަދަ ދަނޑިވަޅެއްގައި އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އާރްއޯއެލްގެ ފަރާތުން "ގިގަ-ފައި ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ބޮޑެތި ލުއިތަކެއް ދޭން ދީފައިވާ ކަމަށެވެ.
އެގޮތުން ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ޑޭޓާ އެލަވަންސް މި މަހު ފޯރުކޮށްދޭން ފަށާފައިވާ ކަަމަށާއި ކުންފުނީގެ 75 އިންސައްތަ ކަސްޓަމަރުންނަށް 100 އިންސައްތަ އާއި 200 އިންސައްތައާ ހިލޭ ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށް އާރްއޯއެލް އިން ބުނެއެވެ.
އާރްއޯއެލްގެ ސްޕޯކްސްޕާސަން މުއައްޒިން ނައީމް ވިދާޅުވީ މިއީ ރައްޔިތުންގެ ގޭގައި ތިބުމަށް ބާރު އަޅާ، ސަރުކާރަށް އެއްބާރުލުން ދިނުމުގެ ގޮތުގެ ނިންމި ނިންމުމެއް ކަމަށެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ މި ދަނޑިވަޅުގައި ގިގަ-ފައި ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ އަގުން 50 އިންސައްތަ ހެޔޮކޮށްފައެވެ.
މި ދުވަސްވަރާއި ދިމާކޮށް ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަައް ފޯރުކޮށްދިނުމަށްޓަކައި ކުރިއަތް އޮތްތާނގައި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އާރްއޯއެލް އިން ބުނެއެވެ.