ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން މާލެ ހިމެނޭ ސަރަހައްދުގައި ހިންގަން ފަށާފައިވާ ކާފިއުގެ ފުރަތަމަ ދުވަހު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހަކަށް ފުލުހުން ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮންމެ ދުވަހެއްގެ ހަވީރު 5 އަކުން ރޭގަނޑު 8 ޖެހުމާހަމަައަށް ކާފިއު ހިންގުމަށް ނިންމާފައިވާއިރު މިއަދު އެގަޑީގައި ބޭރަށް ނިކުމެ އުޅުނު 95 މީހުންގެ ތެރޭގައި ހިމެނެނީ 13 ބިދޭސީއަކާއި 82 ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.
ކާފިއު ހިންގާ ވަގުތުތަކުގައި މަގުތަކުގައި އުޅޭ މީހުންނަށް ފުރަތަމަ ނަޞޭޙަތްދީ، އަދި 1،000ރ. އިން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބުރާސްފަތި ދުވަހުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައިވާއިރު އިސްތިސްނާވާ ވަކި ފަރާތްތަކަށް ނޫން މީހުންނަށް މިވަގުތު ތެރޭގައި ބޭރުގައި ނޫޅެވޭނެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކާފިއު ހިންގާ ވަގުތު މަގުތަކުގައި މީހުން އުޅުމާއި އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި އެހެން ވަގުތުތަކުގައި އެއްފަހަރާ ތިން މީހުންނަށް ވުރެ އިތުރަށް މަގުމަތީގައި އުޅޭ ނަމަ ނަސޭހަތްތެރިވާނެ ކަމަށާއި އެކަން ތަކުރާރުވާ ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއްވާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި، ކަރަންޓީނުކޮށް ނުވަތަ އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ކުރާ މަސައްކަތަށް ހުރަސްއަޅާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.