ކ. މާލެ
|
2 އޭޕްރިލް 2020 | ބުރާސްފަތި 12:42
މަނީ ހައިސްޓް ސީޒަން 4 ޕޯސްޓަރ
މަނީ ހައިސްޓް ސީޒަން 4 ޕޯސްޓަރ
ނެޓްފްލިކްސް
މަނީ ހައިސްޓް
މަނީ ހައިސްޓްގެ ސީޒަން 4 ގެ ރިލީޒް ކުރުން ފަހެއް ނުވޭ
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ގިނަ ފިލްމްތަކެއް ރިލީޒްކުރުން ވަނީ ފަސްވެފައި
ހުކުރު ދުވަހު އަށް އެޕިސޯޑް ރިލީޒްކުރާ ވާހަކަ "މަނީ ހައިސްޓް"ގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުން ބުދަ ދުވަހު ވެސް ވަނީ ޕޯސްޓްކޮށްފައި
މި ސީރީޒް އަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުކަން ހޯދާފައިވާ ސީރީޒްއެއް

ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "މަނީ ހައިސްޓް" ނުވަތަ "ލަ ކާސާ ޑި ޕަޕޭލް" ގެ ހަތަރު ވަނަ ސީޒަން ހުކުރު ދުވަހު ރިލީޒް ކުރާނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން ގިނަ ފިލްމްތަކެއް ރިލީޒްކުރުން ފަސްވެފައިވީނަމަވެސް ""މަނީ ހައިސްޓް"ގެ ރިލީޒް ޑޭޓްއަކަށް ބަދަލެއް ނާދެއެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގްބޫލް މި ސީރީޒްގެ ހަތަރުވަނަ ސީޒަން ރިލީޒްކުރުން ފަސްވެފައިވާކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރެވިފައިވީ ނަމަވެސް، ނެޓްފްލިކްސް އިން މިފަދަ އިއުލާނެއްކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މި ސީރީޒްގެ އޮފިޝަލް އިންސްޓަގްރާމް އެކަައުންޓް، "ލަ ކާސާ ޑި ޕަޕޭލް" ގައި ހުކުރު ދުވަހު އަށް އެޕިސޯޑް ނިކުންނަ ވާހަކަ ބުދަ ދުވަހު ވެސް ޕޯސްޓްކޮށްފައިވެއެވެ.

ސްޕެއިންގެ އެންޓެނާ 3 ޓީވީ ނެޓްވޯކްއިން ޖުލައި 2017 ގައި ރިލީޒްކުރި "މަނީ ހައިސްޓް" އަށް ލިބުނު ކާމިޔާބީގެ ސަބަބުން ނެޓްފްލިކްސް އިން ވަނީ އެ ޝޯވގެ ސްޓްރީމިންގ ރައިޓްސް އަހަރުގެ ނޮވެމެބަރު މަހު ގަނެފައެވެ. އަދި މި ސީރީޒް ވަނީ ނެޓްފްލިކްސްގެ އެންމެ ކާމިޔާބު "ނޮން-އިންގްލިޝް ލޭންގުއެޖް" ސީރީޒްއަށް ވެފައެވެ. އެއީ ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ފެށިތާ ހަތަރު މަސް ތެރޭއެވެ.

"މަނީ ހައިސްޓް" ގެ ފުރަތަމަ ދެ ސީޒަންގައި ބޭންކަކުން 2.4 ބިލިއަން ޔޫރޯ ނޫޓުތައް ޗާޕުކޮށްގެން ވަށްކަން ކުރުމަށް "ޕްރޮފެސަރ" ކިޔާ މީހެއް މީހުންތަކެއް އެއްކޮށް ރާވާ، ބޭންކް ތެރެއަށް ވަދެ ހިނގާ ކަންތައްތައް ފެނެއެވެ. އަދި މި މީހުންގެ ޕްލޭން ކާމިޔާބުވާއިރު، ތިން ވަނަ ސީޒަންގައި ދައްކަނީ 128 ގަޑިއިރު ފަހުން ބޭންކުން ނިކުތުމަށް ފަހު އެ މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންތަކެވެ. އަދި އެ ސީޒަން ނިމެނީ މި ކަންތަކުގެ މޭސްތިރި، "ޕްރޮފެސަރ"ގެ ފޭނުން ވަރަށް ހިތްދަތި ވާނެ ގޮތަކަށެވެ.

- ކޮމެންޓް