ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 00:53
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލާޑްމިއަރ ޕުޓިން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލާޑްމިއަރ ޕުޓިން
ވައިޓް ހައުސް
ކޮވިޑް-19
ދުނިޔޭގެ ތެލުގެ ބާޒާރު އެއްހަމައެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން ޓްރަމްޕާއި ޕުޓިން މަޝްވަރާ ކުރައްވައިފި
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި
ތެލުގެ ބާޒާރު އެއްހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރައްވާނެ
ފިޔަވަޅުތައް ވަރުގަދަކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް ނިންމާފައިވޭ

ކޮވިޑް-19 ގެ ސަބަބުން ޤައުމުތަކުގެ އިޤްތިސާދަށް އަންނަމުންދާ ލޮޅުންތަކުގެ ދަށުން ދުނިޔޭގެ ތެލުގެ ބާޒާރު އެއް ހަމައެއްގައި ހިފެހެއްޓުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލާޑްމިއަރ ޕުޓިން މަޝްވަރާ ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ފޯނުން ގުޅުއްވައި ޓްރަމްޕްއާއި ޕުޓިން ކުރައްވާފައިވާ މި މަޝްވަރާތަކާއި ގުޅޭގޮތުން ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުތަކަށް ކުރިމަތިވަމުންދާ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއި، ދެ ޤައުމުގެ ހަކަތައާއި ގުޅޭ ވަޒީރުން މެދުވެރިކޮށް އެކަންކަމަށް ހައްލު ހޯދައި، ދުނިޔޭގެ ތެލުގެ ބާޒާރު އެއްހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އޭގެ އިތުރުން، ދެ ޤައުމުންވެސް މިހާރު އަޅަމުންދާ މުހިއްމު ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް