ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެވަނަ ދިވެހި މީހާއާ ސީދާ ދިމާވި 48 މީހަކު އައިސޮލޭޓު ކޮށްފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ 17 ވަނަ ކޭސް ނުވަތަ ދިވެހިންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވި ދެވަނަ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި 48 މީހެއް ބެލުނު ކަމަށާއި އޭގެތެރިން 5 މީހުންނަށް އައިސޮލޭޓްވުމަށް އަންގާފައިވާނެކަމަށާއި 3 މީހަކު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެބަތިބިކަމަށެވެ. އަދި އޭގެތެރެއިން 2 މީހަކު ހޯމް ކަރަންޓީންގައި އެބަތިބި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ 2 ވަނަ މީހާއަކީ އިނގިރޭސީވިލާތުން ރާއްޖެއައި ދިވެއްސެކެވެ. އޭނާ ޕޮޒިޓިވްވިކަން އެޗްޕީއޭއިން އާންމުކޮށްފައިވަނީ، މާރޗް މަހުގެ 29 ވަނަ ދުވަހުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި މީހާ ޕޮޒިޓިވްވިއިރު އެ ކޮޓަރީގައި އޭނާއަކު ދެވަނަ މީހަކު ހުރިކަމަށާއި އެ މީހާގެ ސާމްޕަލް ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ނަގާފައިވާކަމަށެވެ. މަބްރޫކް ވިދާޅުވީ ގޭގައި އަދި ސަރުކާރުން ތައްޔާރުކޮށްފައިވާ އައިސޮލޭޝަންގައި ތިބި މީހުންގެ ކަންކަން އެޗްޕީއޭއިން ގާތުން ބަލަމުން އަންނަކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ވެފައެވެ. މިވަގުތު ރާއްޖޭގައި މި ވައިރަސްއަށް ފަރުވާދެމުން އަންނަނީ ދެ މީހަކަށެވެ. އަނެއް ދެ މީހުންނަކީ ރާއްޖެއިން ފުރުވާލި ފަހުން ޕޮޒިޓިވްވެފައިވާ ދެ މީހެކެވެ. އެ ދެ މީހުން މި ވަގުތު ތިބީ ރަޝިއާގައި ކަރަންޓީނުކުރެވިފައެވެ.