ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް 10 ޖީބީގެ ބޫސްޓަރ އެއް ދޭން އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ ކޮވިޑް19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާތީ، ރިމޯޓް އެޑިއުކޭޝަން، ރިމޯޓް ވަރކިންގ އަދި އާއިލާއާއެކު މުނިފޫހިފިލުމަށް އިންޓަނެޓް ބޭނުންކުރުމަށް އިތުރު ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.
މި 10ޖީބީގެ ހިލޭ ލިބޭ ބޫސްޓަރ މާރޗް އަދި އެޕްރިލް މަހުގައި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް (https://portal.dhivehinet.net.mv/home) މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރެވޭވަރު ބަލާލުމަށް ވެސް މި ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ރިމޯޓް އެޑިއުކޭޝަން އަދި ރިމޯޓް ވަރކިންގ މަގުފަހިކޮށްދިނުމަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ވަނީ ދީފައިއެވެ. އަދި މި އަންނަ އެޕްރީލް މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑްގެ ހުރިހާ އެޑް-އޮންތަކަކުންވެސް 50 އިންސައްތަ ޑިސްކައުންޓް ދީފައިވެއެވެ. އަދި، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ. މީގެ އިތުރުންވެސް، ދިރާގުން ވަނީ ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް އިތުރު ޑޭޓާއާއި ޑިސްކައުންޓްސް ދީފައިއެވެ.
ދިރާގު ބުނީ އުންމީދަކީ، މި ކަންތައްތަކުގެ ސަބަބުން ކިޔަވާ ކުދިންނާއި، ޓީޗަރުން އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ލިބިގެންދިޔުން ކަމަށާއި އަދި އިލްތިމާސް އަކީ އިންޓަނެޓްގެ ޚިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުން ކަމަށެވެ.
ދިރާގުން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ.