ޔުނައިޓެޑް އަރަބި އެމިރޭޓްސް ގައި ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވިކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައިނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޔޫއޭއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެ ގައުމުގެ ހެލްތް މިނިސްޓްރީން ވަނީ މީގެ ކުރިން ރިޕޯޓް ކޮށްފައެވެ. ހޮނިހިރު ދުވަހު މެންދުރު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔޫއޭއީން ރާއްޖެއަށް ދީފައިވާ ނަމަކީ އީސްޓަން ޔޫރަޕްގެ މީހެއްގެ ނަން ކަމަށެވެ.
އަޅުގަނޑުމެންގެ ހީއަކީ ދިވެއްސެއް ނޫނޭ. އެހެން ގައުމެއްގެ މީހަކަށޭ އެ މީހާ ވަނީ. މޯލްޑޯވާ ކަހަލަ ރާއްޖެއާ ނަން ވައްތަރު. އެގޮތަށް މިހާތަނަށް އޮތީމަބްރޫކް އަޒީޒް
ޔޫއޭއީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނޭ ކަމަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެމީހާއެކު މި ސަރަހައްދުގެ ގައުމުތަކުގެ އިތުރު ބަޔަކު ބައްޔަށް ޕޮޒިޓިވްވި ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ހޮނިހިރު ދުވަހާ ހަމަޔަށް ޔޫއޭއީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 405 އަށް ވަނީ އަރާފައެވެ. އެއީ ހޮނިހިރު ދުވަހު އަލަށް ރިޕޯޓްކުރެވުނު 72 ކޭސްއާ އެކުއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އޭޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މިހާތަނަށް ބަލިން 55 މީހަކު ރަނގަޅުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.