ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެއެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ އިނގެރޭސިވިލާތުން ރާއްޖެ އައި ދިވެއްސެއް ކަމަށެވެ. އަދި އެއީ 38 އަހަރުގެ ދިވެއްސެއްކަމަށް ހެލްތު މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި އެ މީހާ މިހާރު ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގަ އެވެ. އެ މީހާ ރާއްޖެ އައިސްފައިވަނީ 22 ވަނަ ދުވަހު އެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އެ މީހާގެ ގައިން އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެމީހާގެ ގައިން ކޮވިޑް-19 އަށް ޝައްކުވާ އަލާމަތްތައް ފެނިގެން އޭނާ ޓެސްޓުކުރިއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަމީން ވިދާޅުވީ، ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވިޔަސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ބަލި ފެތުރެމުން ނުދާކަމަށެވެ. ހެލްތް މިނިސްޓަރު ވިދާޅުވީ، އެމީހާގެ ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަމީން ވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުން ބޯލެނބުމަށް އިލްތިމާސް ކުރައްވާފައެވެ.
ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އެކު ރާއްޖޭގައި މި ބައްޔަަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14 އަރާފައެވެ. އޭގެ ތެރެއިން ނުވަ މީހަކު ވަނީ ބަލިން ފަސޭހަވެފައެެވެ. އެ މީހުންނަކީ ބިދޭސީންނެވެ. ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިޔުމަށްޓަކައި ސަރުކާރުން ދަނީ ރާއްޖެއަށް އަންނަ ހުރިހާ އެންމެން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް އަންގަމުންނެވެ. ހުކުރު ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ދޫކުރާ އޮންއެރައިވަލް ވިސާ ދިނުން ވަނީ މެދުކަނޑާލާފައެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.