ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރު ނަމާދުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާތީ މިއަދު ކުރާ ހުކުރު ނަމާދު ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކ. ހިންމަފުށިންނެވެ.
ކ ހިންމަފުށީ މަސްޖިދުލް އިނާރާއިން މިދިޔަ ހަފްތާގައިވެސް ވަނީ ހުކުރު ނަމާދު ވަގުތުން ޓީވީ ޗެނަލްތަކުން ދައްކާފައެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ﷲގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ" މި މައުޟޫއެވެ. މަސްޖިދުލް އިނާރާގައި އިމާމްވެ ހުކުރު ނަމާދުކުރައްވާނީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޙް އިބްރާހިމް ރަޝީދު ޙަސަންއެވެ.
މާލެ، ވިލިގިނލި އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ވަގުތު ވަނުމުން ގޭގައި ހަތަރު ރަކުއަތް ނަމާދު ކުރުމަށް ވަނީ އިސްލާމިކް މިނިސްޓްރީން އިރުޝާދު ދީފަ އެވެ.މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ޖަމާޢަތުގައި ނުކުރި ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ހުކުރު ނަމާދު ޖަމާއަތުގައި ކުރުން އޮންނާނެއެވެ.