ކ. މާލެ
|
25 މާރޗް 2020 | ބުދަ 13:06
ކޮވިޑް-19 މި ވައިރަސްއާ ގުޅިގެން ނަގާފައިވާ ބައެއް ސާމްޕަލްތައް އައިޖީއެމްއެޗުން ޓެސްޓު ކުރަނީ
ކޮވިޑް-19 މި ވައިރަސްއާ ގުޅިގެން ނަގާފައިވާ ބައެއް ސާމްޕަލްތައް އައިޖީއެމްއެޗުން ޓެސްޓު ކުރަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19 އިމަޖެންސީ ހާލަތުގައި
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތަކެއް ފަށައިފި
ފަރިތަކުރުންތައް ކުރިއަށް ދަނީ މާލޭގެ 3 ސަރަހައްދެއްގައި
ކުރިއަށްދާނީ މެންދުރު 12:30 އިން ހަވީރު 3:30 އަށް
ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ސަމާލުކަން ދިނުމަށް އެދިފައިވޭ

ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން އިމަޖެންސީ ހާލަތުގައި އަމަލު ކުރާނެގޮތުގެ ފަރިތަކުރުންތަކެއް މާލޭގައި ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން، ބުދަ ދުވަހު ފަރިތަކުރުމެއް (ޑްރިލް) ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. މި ހަރަކާތް ކުރިއަށްދަނީ މާލޭގެ 3 ސަރަހައްދެއްގައި 12:30 އިން 3:30 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ހަރަކާތްތައް ކުރިއަށް ދާނީ އެދުރުވެހި، ގާކޮށި އަދި މއ. ވިޔަނި ކައިރީގައި ކަމަށް މައުލޫމާތުލިބިއެވެ. އަދި އެ ތިން ސަރަހައްދުގައި ވެސް ދެ ގަޑިއިރަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޕީއޭއިން ބުނީ، މި ހަރަކާތް ކުރިއަށް ދާއިރު މިހިސާބުތަކަށް ވަދެ ނުކުތުން ވަގުތީ ގޮތުން ހުއްޓުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މިފަރިތަކުރުން ކުރިއަށްދާއިރު ގުޅުންހުރި މުއައްސަސާތަކުން ދޭ އިރުޝާދާއި އެއްގޮތަށް ހުރިހާ ފަރާތަކުން ވެސް ޢަމަލުކުރުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި މީގެކުރިން ވެސް ވަނީ ތަފާތު ފަރިތަކުރުންތައް ބާއްވާފައެވެ. އެންއީއޯސީގެ މައި ފޯކަލް ޕޮއިންޓަކީ ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ހެލްތް މިނިސްޓްރީގެ އިތުރުން، އެންއީއޯސީގައި އެޗްޕީއޭ އާއި ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އިދާރާތައް ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ ީ13 މީހަކެވެ. އެއީ މުޅިންވެސް ބިދޭސީން ނެވެ. އަދި އޭގެ ތެރެއިން 5 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

- ކޮމެންޓް