ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެންވެސް އިގްތިސާދީ އެކިއެކި ދާއިރާއަށް ނޭދެވޭ ބޮޑެތި ގެއްލުންތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ހީނަރުުކަމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އެގޮތުން އިގްތިސާދަށް ކުރަމުންދާ ގެއްލުންތައް ދެނެގަނެ، މި ގެއްލުންތައް ކުޑަކުރުމަށް މިވަގުތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ބޭނުން ކުރެވެންހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށް، މިހާރުން މިހާރަށް މުހިއްމު ސިޔާސަތުތައް އެކުލަވާލާ ހިންގުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
މިގޮތުން މާލީ ނިޒާމަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭންކްތަކާއެކު މަޝްވާރާކުރެވި އަޅާނެ ފިޔަވަޅުތައް ކަނޑައެޅިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. ރާއްޖޭގެ ވިޔަފާރިތަކަށް ކުރާ އަސަރު ކުޑަ ކުރުމަށާއި، މުވައްޒަފުންގެ ވަޒީފާ ގެއްލިޔަ ނުދިނުމަށްޓަކައި މާލި އިދާރާތައް މެދުވެރިކޮށް ކުރެވޭނެ ކަންކަން ބަލަމުންދާ ކަަމަށާއި އަދި ބޭންކްތަކަށް ލިކުއިޑިޓީގެ ދަތިކަމެއް ދިމާވިޔަ ނުދިނުމަށްޓަކައި ލިކުއިޑިޓީ ފޯރުކޮށްދިނުުމުގެ އިންތިޒާމުތައްވެސް ރޭވިފައިވާ ކަަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
މިގޮތުން ނިންމާފައިވާ ކަންތައްތަކަކީ:
- ލޯނު ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށްޓަކައި، މިފަދަ ލޯނުތަކަށް ފައިސާ ދެއްކުން 6 މަސް ދުވަހުގެ މުއްދަތަށް މަޑުޖައްސާލުމަށް ބޭނުންވާ ރެގިއުލޭޓަރީ ފިޔަވަޅުތައް ބޭންކްތަކަށް އެންގުން (މިގޮތުން ލޯނު އަނބުރާ ދެއްކުން މަޑުޖައްސާލުމަށްޓަކައި އެފަދަ ފަރާތްތަކުން ޖެހޭނީ އެކަމަށް އެދި ބޭންކަށް ހުށަހަޅާށެވެ).
- ބޭންކްތަކުން ލިކުޑިޓީ ބޭނުން ޖެހިއްޖެ ހާލަތެއްގައި، މި އޮތޯރިޓީގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަރމެންޓް %5 އާ ހަމައަށް ދަށް ކުރުން.
- މާލީ އިދާރާތަކުން ލިކުއިޑިޓީ ބޭނުންވެއްޖެ ހާލަތެއްގައި މިއޮތޯރިޓީއިން ކުރު މުުއްދަތުގެ ލޯނު ފެސިލިޓީއެއް ދެވޭނެ ގޮތް ހަމަޖެއްސުން.
- އެކްސްޗޭންޖް ރޭޓް ދެމެހެޓުމަށްޓަކައި ފޮރިން އެކްސްޗޭންޖް ބާޒާރަށް މިހާރު ފޯރުކޮށްދެމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުުރުމާއި، މި އޮތޯރިޓީގައި ގާއިމުވެފައިހުރި އެެކިއެކި ވަސީލަތްތައް މެދުވެރިކޮށްް ބޭންކްތަކަށް ބޭރުފައިސާ އިތުރަށް ފޯރުކޮށްދިނުން.
- މި އޮތޯރިޓީ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޔޫއެސް ޑޮލަރު ހޯދުން.
- މިއޮތޯރިޓީއާއި ސަރުކާރާ ގުޅިގެން އައިއެމްއެފް ގެ މާލީ އެހީތެރިކަން ހޯދުން.
މި ހާލަތުގައި މިއޮތޯރިޓީ އިން ދެމުންގެންދާ ބޭންކިންގް އަދި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ސަރުކާރުގެ އިދާރާތަކާއި ބޭންކްތަކާ ގުޅިގެން ވަނީ ހަމަޖައްސާފައެވެ. މިގޮތުގެމަތިން ސަރުކާރު ބަންދުވެފައިވާ މުއްދަތުގެ ތެރެއިން 19، 23 އަދި 26 މާރޗް މި ދުވަސްތަކުގައި ބޭންކިންގް ޚިދުމަތާއި ޕޭމަންޓް ސިސްޓަމްގެ ޚިދުމަތްތައް އެއޮތޯރިޓީން ލިބޭނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ އިންތިޒާމުތައްވެސް ހަމަޖެހިފައިވާ ކަމަށް އެ އެމްއެމްއޭ އިން ބުނެއެވެ.
ކޮވިޑް 19 ގެ ސަބަބުން، ރާއްޖޭޭގެ އަދި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް އެ އޮތޯރިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.