ފިލިޕީންސްގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އެދިއްޖެއެވެ.
މުޅި ދުނިޔޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ފިލިޕީންސްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 17 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 13 އޭޕްރިލް 2020 ވަނަ ދުވަހުގެ ރޭ 00:00 އަށް، އެ ޤައުމުގައި "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އެ ޤައުމުން ފުރާ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކަށް ބައެއް ކަންތައްތައް މަނާކުރަން ވަނީ ނިންމާފައެވެ.
1) މިހާރު އޮތް ވިސާ އެހެން ކެޓެގަރީއެއްގެ ވިސާ އަކަށް ބަދަލުކުރުން.
2) ފިލިޕީންސްގެ ރައްޔިތަކަށް ވުމަށްޓަކައި ސިޓިޒަންޝިޕް އެޕްލިކޭޝަނެއް ހުށަހެޅުން.
3) ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުން.
4) ހާއްސަ ވަރކް ޕަރމިޓަކަށް އެދުން.
މީގެ އިތުރުން، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތެއްގެ ވިސާ ހަމަވެއްޖެނަމަ، "އެންހޭންސްޑް ކޮމިއުނިޓީ ކަރަންޓީން" ހާލަތުގެ މުއްދަތު ހަމަވުމުގެ ފަހުން، 30 ދުވަހުގެ ތެރޭގައި އެ ފަރާތެއްގެ ވިސާގެ މުއްދަތު އިތުރުކުރަން ހުށަހެޅޭނެކަމަށް އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދުވަސްތަކުގެ ތެރޭގައި ފިލިޕީންސްގައި ދިރިއުޅޭ އަދި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށާއި، މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް އެދިފައިވެއެވެ.
މީގެ އިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަޑޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށާއި، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުން ވެސް މުހިންމު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.