ކ. މާލެ
|
19 މާރޗް 2020 | ބުރާސްފަތި 00:25
އިބްރާހިމް ރަޝީދު
އިބްރާހިމް ރަޝީދު
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19 ގެ ނުރައްކަލާ އެކު ޖަރުމަނުގައި ދިރިއުޅޭ ދިވެއްސެއްގެ ވާހަކަ
 
އެތައް ބަޔެއްގެ ވަޒީފާ ގެއްލި ހާސްކަން ވަނީ ބޮޑުވެފައި
 
މުހިންމު ބޭނުމެއްގައި ނޫނީ ބޭރަށް ނުކުމެ އުޅުން މަނާ
 
ޖަރުމަނުގައި ކޮވިޑް-19 ދަނީ ހަލުއި ކަމާއެކު ފެތުރެމުން

ޖަރުމަނު ވިލާތުގައި ކޮވިޑް-19 ވައިރަސް ފެތުރެމުންދާއިރު، އެ ގައުމުގައިވެސް އޮތީ ނުތަނަވަސްކަން އިންތިހާ އަށް ފެތުރިފައެވެ. ކުއްލިއަކަށް ނޭނގި ތިއްބާ ކުރިމަތިވި މި މުސީބާތާއެކު އެ ގައުމުގެ ރައްޔިތުންނަށްވެސް އެތައް ދަތިތަކާ އުނދަގޫތައް ތަހައްމަލު ކުރަން ވަނީ ޖެހިފައެވެ.

ޖަރުމަނު ރައްޔިތުންގެ ނުތަނަވަސްކަން ބޮޑުވަމުން ދާއިރު، އެތަނުގެ ހާލަތާ ބެހޭ ގޮތުގައި ޖަރުމަނު ވިލާތުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ކޮލޯން ގައި ދިރިއުޅޭ ދިވެއްސަކު އެ ތަނުގައި ދިރިއުޅުން ހުރި ގޮތް ވަނީ ހިއްސާ ކޮށްފައެވެ.

ހއ. އުލިގަމަށް އުފަން އިބްރާހިމް ރަޝީދު ޖަރުމަނު ވިލާތުގައި ދިރިއުޅޭތާ މިއީ 31 ވަނަ އަހަރެވެ. ޖަރުމަނުގެ ރައްޔިތަކާ ކައިވެނި ކޮށްގެން އުޅޭ ރަޝީދުގެ ދެކުދިން އެބަތިއްބެވެ. އެންމެންވެސް ދިރިއުޅެނީ ޖަރުމަނު ވިލާތުގައެވެ.

ޖަރުމަނު ވިލާތުގެ ރައްޔިތެއް ކަމުގައި ވެފައިވާ ރަޝީދު ރާއްޖެ އެމް.ވީ އަށް ކިޔައިދިން ގޮތުގައި ކޮވިޑް-19 ވައިރަސްގެ ޚަބަރާއެކު، އެ ގައުމުގެ ރައްޔިތުންނަށް ލިބުނީ ބޮޑު ޝޮކެކެވެ. އެ ބައްޔާއެކު މިހާރު ދިރިއުޅެން ޖެހިފައިވާ ގޮތަކީ، އެއް ގޮތަކަށްވެސް އެމީހުންނަށް އުޅެން ޖެހިދާނެ ކަމަށް ކުރިން ހީވެސް ކުރި ގޮތެއް ނޫން ކަމަށެވެ.

ޖަރުމަނުގެ ހޮސްޕިޓަލް ފެޑެރޭޝަނުން އާއްމު ކޮށްފައިވާ ގޮތުގައި ވައިރަސް ޖެހިގެން 500 ށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. ރަޝީދު ކިޔައިދިން ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް އަންގާފައިވަނީ ރޯގާގެ އަލާމާތެއް ފެނުނު ކަމުގައި ވިޔަސް ސިއްހީ ޚިދުމަތް ދޭ ތަންތަނަށް ނުގޮސް ގޭގައި ތިބުމަށެވެ. ބަލީގެ ނިޝާނެއް ފެނިއްޖެ ނަމަ ޖެހެނީ ކޯލް ސެންޓަރަށް ގުޅާ ވެގެން އުޅޭ ގޮތް ކިޔައި ދޭށެވެ. މި ގޮތައް ގުޅުމުން ދަނީ ކިޔޫއަކަށް ކަމަށާއި، ފޯނުން ޑޮކްޓަރަކާ ބައްދަލުވާން ކިތަންމެ އިރެއްވެސް ނަގާފާނެ ކަމަށެވެ. ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ ޚިދުމަތްދޭ ތާކަށް ދެވޭނީ، ބަލި އިތުރަށް ގޯސްވާ ކަމަށް ޑޮކްޓަރަކަށް ފެނިއްޖެ ނަމައެވެ.

ރަޝީދު ބުނީ، އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ވަޒީފާ އާ މެދު ވާނެ ގޮތެއް ނޭނގުމާއެކު، އާމްދަނީ ލިބޭނެ ކަމުގެ ޔަގީންކަން ނެތުން ކަމަށެވެ. ވައިރަހުގެ ނުރައްކަލާއެކު އެތައް ބައެއްގެ ވަޒީފާ ގެއްލިގެން ދިޔަ ކަމަށް ރަޝީދު ބުންޏެވެ. ރަޝީދު ދިރިއުޅޭ ކޮލޯނުން އެކަނިވެސް ލައްކަ އެއްހާ މީހުންގެ ވަޒިފާ ގެއްލުނު ކަމަށް އޭނާ ބުންޏެވެ. ރަޝީދު ބުނީ ބަލި ފެތުރެން ފެށުމާއެކު އޭނާވެސް މިހާރު ހުރީ 6 މަސް ދުވަހުގެ ނޯޕޭ ލީވް އެއްގައި ގެޔަށް ފޮނުވާލާފައެވެ. ރެސްޓޯރެންޓެއްގެ އެސިސްޓެންޓް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރާ ރަޝީދު ބުނީ، ސަރުކާރުން އަމިއްލަ ކުންފުނިތަކާ އެކު ވެފައިވާ އެއްބަސް ވުމެއްގެ ދަށުން އެއް މަހުގެ މުސާރައިގެ ދެ ބައިކުޅަ އެއްބައި ސަރުކާރުން ހަމަ ޖައްސާ ދޭ ގޮތައް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބަލީގެ ކަންކަން ދިގުލާ ހިނގައްޖެ ނަމަ، ދެން ވާނެ ގޮތެއް ނޭނގޭތީ ފިކުރު ބޮޑުވާ ކަމަށް އޭނާ ބުންޏެވެ.

ރަޝީދު ބުނީ، ދެމަފިރިން މިހާރު އުޅެނީ، ކުއްޔަށް ކަމަށް ވުމާއެކު، އެއްމެ މަހަކުވެސް މުސާރަ ނުލިބޭ ގޮތް ވެއްޖެ ނަމަ، ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ރަޝީދު ކިޔައިދިން ގޮތުގައި ޖަރުމަނުގައި ވައިރަސް ފެތުރެން ފެށުމާއެކު، ގިނަ ކެފޭ ތަކާއި ރެސްޓޯރެންޓުތައް ވަނީ ބަންދުކޮށްފައި ކަމަށެވެ. ހުޅުވާފައި ހުންނަ މަދު ތަނެއްވެސް ހުންނަނީ ދުވާލުގެ ވަގުތުގައި އެކަނި ކަމަށެވެ. ހޮޓާތަކުގައި ގެސްޓުން ބޭތިއްބުން އޮތީ މަނާ ކޮށްފައެވެ.

ކާރޫބާރޫ ބޮޑު ކޮލޯންގެ މަގުތައް އޮތީ ފަޅުވެފައެވެ. މުހިންމު ކަމެއް ޖެހިގެން މެނުވީ ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. ރަޝީދު ކިޔައިދިން ގޮތުގައި، ކާބޯތަކެތި ހޯދުމަކަށް ދައްޗެއް ނެތެވެ. އެހެން ނަމަވެސް ބައެއް ފިހާރަތަކަށް ވައްދަނީ ފަހަރަކު 10 މީހުންނެވެ. ކިއުގައި ތިބޭ މީހުން ތިބެން ޖެހެނީ ދެމީހުންގެ ދެމެދުގައި 2 މީޓަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ.

ބޭރަށް ނުކުމެ އުޅެންޏާ ފުހުލުން ސުވާލު ކުރާ ކަމަށާއި، އާއްމު ގޮތެއްގައި ފެތުރިފައިވާ ބިރުވެރި ކަމުގެ ސަބަބުން މީހުން ނުކުމެ އުޅެން ބޭނުންވެސް ނުވާކަމަށް ރަޝީދު ބުންޏެވެ. ނަމަވެސް ކުއްލިއަކަށް ގޭތެރޭގައި 24 ގަޑީއިރު ތިބެން ޖެހުމުން ފޫހިވާ ކަމަށާއި، ކުރަން އޮންނަ ކަމަކީ، ރައްޓެހިންނާއި އާއިލާ މީހުންނަށް ގުޅާލުމާއި ޓީވީ ބެލުން ކަމަށް ރަޝީދު ބުންޏެވެ.

ރަޝީދު ބުނީ ކޮލޯން ގެ އިގްތިސާދު ހުއްޓުމަކާ ގާތައް އައިސްފައިވާ އިރު، ސްކޫލްތަކާއި، ޔުނިވަސިޓީތައް ވެސް ހުރީ ބަންދުކޮށްފައި ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ވައިގެ މަގުން ޖަރުމަނާ ދެމެދު ކުރަމުން އައި ވައިގެ ދަތުރުތައްވެސް ވަނީ ހުއްޓާލާފައި ކަމަށެވެ. ސަރުކާރުން އޮތީ އެ ގައުމުގެ ރައްޔިތުންނަށް ގައުމުން ބޭރަށް ދަތުރު ނުކުރުމަށް އަންގާފައެވެ.

ޖަރުމަނުވިލާތުން ވަނީ އަންގާރަ ދުވަހުގެ ނިޔަލަށް 9200 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް ބުފައެވެ. އަދި ބަލީގައި މިހާތަނަށް 24 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
7%
2%
84%
6%
0%
2%
ކޮމެންޓް
21 މާރޗް 2020 | ހޮނިހިރު 04:25
ޖަރުމަނު
ތީ ރާއްޖެ މީހެއް ނޫނެއްނު ބުރޯ... ތީ ޖަރުމަނު މީ ހެއް
21 މާރޗް 2020 | ހޮނިހިރު 02:43
ޏަމްޏަމް
ނަމާދު ކޮށް ފަ މިބަލިމަޑުކަމުން މިންޖު ކޮށްދެއްވާތޯ ދުޢާއެއް ނުކުރޭ މިސޮރު..... މުސްލިމެއްބާ އަނެއްކާ...؟؟