ކ. މާލެ
|
18 މާރޗް 2020 | ބުދަ 19:44
ކަޒްކްސްތާންގެ ވެރިރަށް ނޫރް ސުލްތާން
ކަޒްކްސްތާންގެ ވެރިރަށް ނޫރް ސުލްތާން
ސްޓަފް.ކޯ.އެންޒީ
ކޮވިޑް-19: ކަޒަކްސްތާން
ކޮވިޑް-19: ކަޒަކްސްތާންގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އަންގައިފި
16 މާޗް އިން ފެށިގެން އެ ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި

ކަޒަކްސްތާންގައި ކޮވިޑް-19 އާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ކަޒަކްސްތާންގެ ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، 16 މާޗް 2020 ގެ ހެނދުނު 08:00 އިން ފެށިގެން ބައެއް ފަރާތްތައް ފިޔަވައި އެ ޤައުމަށް ވަދެނިކުތުން މަނާކުރުމަށް ނިންމާފައި ކަމަށެވެ.

އެގޮތުން 16 މާޗް 2020 ހެނދުނު 08:00 ކުރިން އެ ޤައުމަށް އެތެރެވެފައި، އެނބުރި ޤައުމަށް ދަތުރުކުރަން ގަސްދުކުރާ ފަތުރުވެރިންނާއި ބިދޭސީންނާއި، ކަޒަކްސްތާން ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނާއި، ކަޒަކްސްތާންގެ މިނިސްޓްރީ އޮފް އެފެއާޒްގެ ދައުވަތަކަށް އެ ޤައުމަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ޑިޕްލޮމެޓުން ހިމެނެއެވެ.

އަދި ކަނޑުމަގުން ދަތުރު ކުރާ އުޅަނދުތަކާއި މަތިންދާ ބޯޓުތަކުގައި މަސައްކަތް ކުރާ ކްރޫއިންނާއި، ކަޒަކްސްތާންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ކަޒަކްސްތާންގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދިފައިވެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ. އެގޮތުން، ކަޒަކްސްތާންއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ކަޒަކްސްތާންގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ވަނީ އެދިފައެވެ.

ހަމައެހެންމެ، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް