މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލާފައިވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމްގެ ފުރާނަ ނެތް ހަށިގަނޑު ހޯމަ ދުވަހު ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށާއި އަންގާރަ ދުވަހު މަކާއު ގައި ތިބި އޭނާގެ އާއިލާއާ ހަވާލު ކުރެވޭނެ ކަމަށް ދެކެވޭ ވާހަކަ މެލޭޝިއާގެ ހެލްތު މިނިސްޓަރު ދޮގުކޮށްފިއެެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓަރު ސުބްރަމާނިއަމް ސަތަސިވަމް ރިޕޯޓަރުންނަށް ވިދާޅުވީ އެނގިފައިވާ ގޮތުން ކިމް ޖޮން ނަމްގެ ހަށިގަނޑު ބޭއްވިފައިވާ ކަމަށާއި ހަށިގަނޑުގެ ބަލަދުވެރި ފަރާތުން ކަން ކުރަންވީ ގޮތް ނާންގާހާ ހިނދަކު މިނިސްޓްރީ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި މިހާތަނަށް އާއިލާގެ ފަރާތުން ހަށިގަނޑާ ދޭތެރޭ ކަން ކުރަންވީ ގޮތް ނާންގާ ކަމަށެވެ.
މެލޭޝިއާގެ "ދަ ސަން ޑެއިލީ" އިން ރިޕޯޓު ކޮށްފައި ވަނީ ލިބިިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަށިގަނޑު މަކާއު ގައި ތިބި ކިމް ޖޮން ނަމްގެ އާއިލާއާ ހަވާލު ކުރުމުގެ މަސައްކަތްކޮށްފައި ވަނީ މެލޭޝިއާގެ ފޮރިން މިނިސްޓްރީން ކަމަށްވާއިރު، މަކާއު ގައި ތިބި ކިމް ޖޮން ނަމްގެ އާއިލާއާ މެލޭޝިއާގެ ފޮރިން މިނިސްޓްރީން ދަނީ މުއާމަލާތު ކުރަމުންކަމަށެވެ. އުތުރު ކޮރެއާ އިން ކިމް ޖޮން ނަމްގެ ހަށިގަނޑު އެގައުމާ ހަވާލު ކުރުމަށް ބުނާމުންދާއިރު މެލޭޝިއާގެ ފޮރިން މިނިސްޓްރީން އިން އެކަމަށް އެންމެ ފަހު ވަގުތު އިއުތިރާޒު ކުރާނެ ކަމަށް ބެލެވެއެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައި ވަނީ ދެ އަންހެނުން ވެގެން ކިމް ޖޮން ނަމް ގައިގައި ބާރުގަދަ ވިހައެއް ހާކައިގެންނެވެ.
މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައި ވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ.
މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.
ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ދެއަންހެނަކަށް މެލޭޝިއާއިން ދައުވާ އުފުލާފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ އެމީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ.
ފުލުހުން ދަނީ އުތުރު ކޮރެއާގެ ހަތް ރައްޔިތަކު ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް ހޯދަމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އެމީހުންގެ ގައުމު، އުތުރު ކޮރެއާ އަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އަނެއް ތިން މީހުންނާ މެލޭޝިއާ ފުލުހުން ތަހުގީގަށް މައުލޫމާތު ސާފުކުރަން ބޭނުންވާއިރު އެމީހުން ތިބީ ކުއަލަ ލަމްޕޫރުގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގައެވެ.