ކ. މާލެ
|
17 މާރޗް 2020 | އަންގާރަ 18:58
ފިލިޕީންސްގެ ވެރިރަށް މެނީލާ
ފިލިޕީންސްގެ ވެރިރަށް މެނީލާ
ގޫގުލް
ކޮވިޑް-19: ފިލިޕީންސް
ކޮވިޑް-19: ފިލިޕީންސް އަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އެދިއްޖެ
އެ ޤައުމުގެ އެލަރޓް ލެވެލް "ކޯޑް ރެޑް ސަބް ލެވެލް 2" އަށް ވަނީ މަތިކޮށްފަ

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާތީ ފިލިޕީންސްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

ފިލިޕީންސް އިން ވަނީ 15 މާޗް 2020 އިން 14 އޭޕްރިލް 2020 އަށް އެ ޤައުމުގެ ވެރިރަށް މެނީލާއަށް ވަދެ ނުކުތުން ވަގުތީގޮތުން މަނާކޮށްފައެވެ. އެގޮތުން އެ ޤައުމުގެ އެލަރޓް ލެވެލް "ކޯޑް ރެޑް ސަބް ލެވެލް 2" އަށް ވަނީ މަތިކޮށްފައެވެ.

އަދި 14 މާޗް 2020 އިން ފެށިގެން ރޭގަނޑު 8:00 އާއި ފަތިހު 5:00 އާ ދޭތެރޭ، މެޑިކަލް ބޭނުމަކަށް އަދި އެމަރޖަންސީ ހާލަތްތަކުގައި ނޫނީ މެނީލާގެ ރައްޔިތުން ގެއިން ބޭރަށް ނުކުތުން ފިލިޕީންސްގެ ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް މެނީލާއިން ބައިނަލްއަޤްވާމީ ވައިގެ މަގުން ދަތުރުފަތުރުކުރުން ހުއްޓާލާފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ފިލިޕީންސްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ފިލިޕީންސްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މިނިސްޓްރީއާ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ފިލިޕީންސްއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް އެދިފައިވެއެވެ.

އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި މި މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް