ކޮވިޑް-19 އަށް ޕޮޒިޓިވްވި 2 ކޭސް ފެނިފައިވާ އައިލެންޑް ސަފާރީ 1 އިން އެއްވެސް ފަތުރުވެރިއެއް ފުވައްމުލަކަށް ފައިބާފައި ނުވާކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.
އާދިއްތަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އައިލެންޑް ސަފާރީ 1 ނަމަކަށްކިޔާ ސަފާރީ މިމަހު 11 ވަނަ ދުވަހުގެ ހެދުނު ފުވައްމުލަކު ބަނދަރަށް ބަނދަރު ކޮށްފައިވާ ކަމަށާއި ނަމަވެސް މިމަހުގެ 12 ވަނަ ދުވަހު ހެދުނުގެ ވަގުތެއްގައި ފުވައްމުލަކުން ފުރާފައިވާ ކަމަށެވެ.
އެގޮތުން ސަފާރީން ފުވައްމުލަކަށް ފައިބާފައިވަނީ ހަމައެކަނި ސަފާރީގެ މުވައްޒަފުންތަކެއް ކަމަށާއި، އެއްވެސް ފަތުރުވެރިއަކު ފައިބާފައި ނުވާކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފައެވެ.
ކައުންސިލްގެ ބަޔާނުގައި އިތުރަށް ބުނީ، އެ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، މިމަހު 14 ވަނަ ދުވަހު ހެދުނު 10:00 ގައި ސަފާރީ އެނބުރި އައިސް ހަވީރު 18:00 އާ ހަމަޔަށް ފުވައްމުލަކުގެ ބޭރުގައި ބަނދަރުކޮށްފައި އޮތް ކަމަށާއި، އެއީ ސަފާރީ ކަރަންޓީނު ކޮށްފައިވާ ވަގުތަށްވުމާއެކު، ފުވައްމުލަކު ހޮސްޕިޓަލުން ސަފާރީއަށް ޒިޔާރަތްކުރި ޓީމުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން ސަފާރިއަށް ޒިޔާރަތްކޮށް ސަފާރީއިން ފައިބާފައިނުވާކަމަށް ކައުންސިލުން ބުނެއެވެ.
އަދި ހޮސްޕިޓަލުގެ ޓީމް ސަފާރީއަށް ޒިޔާރަތް ކޮށްފައިވަނީ އެފަދަ ޙާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެ ފުރިހަމަ ފިޔަވަޅު އަޅައިގެންކަން ފާހަގަކޮށް ކައުންސިލުން ވަނީ ސަފާރީން ފުވައްމުލަކަށް ފޭބި މުވައްޒަފުންނާ ކޮންޓެކްޓްވެފައިވާ ފަރާތްތަކުން ފަރުދީ ޒިންމާ ނެގުމަށް އިލްތިމާސްކޮށްފައެވެ.
އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ ނަންބަރު 6860658 ފޯނަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.