އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޠާލިބާނު ޖަމާޢަތަށް ރަޝިއާއިން އެހީ ވާހަކަށް ވިދާޅުވެ، އެމެރިކާގެ ޖެނެރަލަކު ދެއްކެވި ވާހަކައަކީ ދޮގެއް ކަމަށާއި، އެއީ އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރިއްޔާ އާއި ސިޔާސީ ލީޑަރުން ފެއިލް ވެފައިވާތީ ދައްކާ އުޒުރެއްކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާއިން މިހެން ބުނެފައި މިވަނީ، ނޭޓޯގެ ގުޅިފައިވާ ފައުޖުތަކުގެ ސުޕްރީމް އެލައިޑް ކޮމާންޑަރ ކަރޓިސް ސްކަޕަރރޯޓީ، އެމެރިކާގެ ސެނެޓުގެ އާމްޑް ސަރވިސަސް ކޮމިޓީގައި ވާހަކަދައްކަވަމުން، އަފްޣާނިސްތާނުގައި ނޭޓޯ އާއި އެމެރިކާގެ އަސްކަރިއްޔާ އާއި ހަނގުރާމަ ކުރުމަށް ރަޝިއާއިން ޠާލިބާނަށް އެހީވާހަކަމަށް ތުޙުމަތުކޮށް ވާހަކަ ދެއްކެވުމުންނެވެ.
ޖެނެރަލް ސްކަޕަރރޯޓީގެ ތުޙުމަތުތަކަށް ރައްދުދެއްވާ، ރަޝިއާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ ޒާމިރް ކަބުލޯވް ވިދާޅުވީ، މި ތުޙުމަތުތަކަކީ ބުހުތާނު ދޮގު ކަމަށާ، އެއީ އަފްޤާނިސްތާނުގައި އެމެރިކާގެ އަސްކަރިއްޔާ އާއި ސިޔާސީ ލީޑަރުން ފެއިލް ވެފައިވާތީ އެކަން ފޮރުވުމަށް ދައްކާ އުޒުރެއްކަމަށެވެ. އޭނާ ވިދާޅުވީ އެ ތުޙުމަތުތަކަށް އިތުރު އެއްވެސް ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.
އަފްޤާނިސްތާނުގައި ތިބޭ ނޭޓޯގެ ފައުޖުތަކުގެ އެއް ކޮމާންޑަރު، ޖެނެރަލް ޖޯން ނިކޮލްސަން މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ، ރަށިއާއިން ސިޔާސީ ގޮތުން ޠާލިބާނަށް އެހީވާކަމަށާ، އެއީ އަފްޤާނިސްތާނުގައި އެމެރިކާގެ ނުފޫޒު ކުޑަކޮށް، ނޭޓޯގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށެވެ. މިހެން ވިދާޅުވި ނަމަވެސް، ޖެނެރަލް ސްކަޕަރރޯޓީ ފަދައިން، ރަޝިއާއިން ޠާލިބާނަށް ހަތިޔާރުގެ ގޮތުން އެހީވާ ކަމަށް ޖެނެރަލް ނިކޮލްސަން އިޝާރާތް ކުރައްވާފައެއް ނުވެއެވެ.
މީގެ ކުރިން، 2015 ވަނަ އަހަރު ރަޝިއާއިން ބުނެފައިވަނީ، ހަނގުރާމަވެރި އައިސިސް ޖަމާޢަތް ބަލިކުރުމަށް ޠާލިބާނުންނާއި ގުޅިގެން މަސައްކަތް ކުރާ ކަމަށާ، ނަމަވެސް ޠާލިބާން ޖަމާޢަތަކީވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ރަޝިއާއިން ދެކޭ ކަމަށެވެ.