Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 22:28
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ޕޮޒިޓިވް ކޭސްތައް ފެނުނު 3 ރިސޯޓްގައި ލޯ ރިސްކް އަދި ހައި ރިސްކް ފަތުރުވެރިން ވަކިކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މަބްރޫކް
ފަރުކޮޅުފުށި އައިސޮލޭޝަންގައި 16 މީހަކާއި، ވިލިވަރު ކަރަންޓީންގައި 13 އެބަތިބި
82 ސާމްޕަލް ނެގިފައި މީގެ ތެރެއިން ޕޮޒިޓިވް 8 ސާމްޕަލް، ނެގެޓިވް 76 އަދި ނަތީޖާ ނުލިބޭ 2 ސާމްޕަލް
ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސަމަރ އައިލެންޑްގައި 68 މީހަކު، ކުރެއްދޫގައި 99 މީހަކު، ބަތަލާގައި 17 މީހަކު އަދި ކުރަމަތީގައި 20 މީހަކު

ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެނުނު ތިން ރިސޯޓުގައި ތިބި ފަތުރުވެރިން "ސެގްރިގޭޓް" ކޮށް ހައި ރިސްކް އަދި ލޯވ ރިސްކް ފަތުރުވެރިން ވަކިކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Advertisement

ސަރުކާރުގެ ފަރާތުން ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ކުރެއްދޫ، ބަތަލާ އަދި ކުރަމަތީގައި ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޑޮކްޓަރުން ކުރަމުންދާ މަސައްކަތަކީ އެރަށުގައި ތިބި ފަތުރުވެރިން "ސެގްރިގޭޓް" ނުވަތަ ބައިބައި ކުރުން ކަމަށާއި،ހައިރިސްކް ފަތުރުވެރިންނާއި ލޯވ ރިސްކް ފަތުރުވެރިން ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަކި ކުރުމަށްފަހު ލޯ ރިސްކް ފަތުރުވެރިން ނުކުމެވޭނެ ގޮތެއް ހޯދަމުން މިދަނީ. އެގްޒިޓް ސްކްރީނިން ހެދުމަށްފަހު އަދި އޭގެ ތެރެއިން ވަކި ކަންތައްތަކަށް ބެލުމަށްފަހު އަދި ފޯމެއް ފުރުމަށްފަހު ޝެޑިއުލް ފުލައިޓްތަކަށް އެމީހުންނަށް އެރޭނެ އަދި ދެވޭނެ ގޮތަކަށް އޮތީ ރޭވިފައި. މި ޕްރޮސެސް ކުރިއަށްދާއިރު އެ ރަށްރަށުގައި އެރަށުގެ ސްޓާފުން ތިބޭނެ. ސްޓާފުން ރަށަށްގޮސް އައިސް ނޫޅެވޭނެ،
ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ ސަރވައިލެންސް ސާމްޕަލިންގެ މަސައްކަތެއް ފަށައިގެން ކުރިއަށްދާ ކަމަށާއި، ސަރވައިލެންސް ސާމްޕަލިންނަކީ ރާއްޖޭގައި ތިބި ޕައިލެޓުން ފަދަ ބޭބޭފުޅުން ރެންޑަމްކޮށް ޗެކްކޮށް ކޮމިއުނިޓީ ތެރޭގައި އެހެން ގޮތްގޮތަށް ބަލި ހުރިތޯ ބެލުމަށް ޗެކްކުރަން ފެށުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ޕޮޒިޓިވް ކޭސްއަކަށް ބަދަލެއް ނާދެއެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 8 މީހެކެވެ. މީގެ އިތުރުން ފަރުކޮޅުފުށި އައިސޮލޭޝަންގައި 16 މީހަކާއި، ވިލިވަރު ކަރަންޓީންގައި 13 އެބަތިއްބެވެ.

ސާމްޕަލް އަޕްޑޭޓަށް ބަލާއިރު، މިހާތަނަށް 82 ސާމްޕަލް ނެގިފައި (އިންޑިއާގައި ނެގުނު 7 ސާމްޕަލް) ނެގިފައިވެއެވެ. މީގެ ތެރެއިން ޕޮޒިޓިވް 8 ސާމްޕަލް، ނެގެޓިވް 76 އަދި ނަތީޖާ ނުލިބޭ 2 ސާމްޕަލެއް ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ފަރުކޮޅުފުއްޓަށް ބަތަލާ ރިސޯޓުން ބިދޭސީ ސްޓާފެއް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގެންދާކަމަށާއި، ވިލިވަރަށް ދިވެއްސެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ ވިލިވަރަށް ގެންދާ ދިވެހި މީހާއަކީ ބަންގުލަދޭޝްގައި މިދިޔަ 14 ދުވަހުގެ ތެރޭގައި ހުރި މީހެއް ކަމަށާއި، އޭނާ ލަންކާއަށް ގޮސް 14 ދުވަސް ވުމުގެ ކުރިން މާލެ އައިސްފައިވާތީ ކަރަންޓީން ކުރާނެ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސަމަރ އައިލެންޑްގައި 68 މީހަކު، ކުރެއްދޫގައި 99 މީހަކު، ބަތަލާގައި 17 މީހަކު އަދި ކުރަމަތީގައި 20 މީހަކު ކޮންޓެކްޓް ޓްރޭސިން ކުރެވޭ ކަމަށް މަބްރޫކް ވަނީ ހާމަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް