އަންނަ ހަފުތާގެ އާދިއްތަ ދުވަހު ހުޅުވަން ކަލަންޑަރުގައި ހަމަޖެހިފައި އޮތް ސްކޫލްތައް ހުޅުވުމާމެދު، ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ ސްކޫލްތައް ބަންދުކުރަން ސަރުކާރަށް ގޮވާލަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އަދި ޓީޗަރސް އެސޯސިއޭޝަން ހިމެނެއެވެ. އަދި ބައެއް ބެލެނިވެރިިން ވެސް ދަނީ ސްކޫލްތައް ބަންދުކުރަމަށް ސަރުކާރަށް ގޮވާލަމުންނެވެ.
މިކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، އެއްވެސް އިރެއްގައި ސްކޫލްތައް ބަންދުނުކުރަން ނިންމާފައިވާ ނުވާނެ ކަމަށެވެ. އަދި ސްކޫލްތައް ބަންދުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި، އެއަށް ފަހު އެކަމާއިމެދު ގޮތެއް ނިންމުމަށް ފަހު އިއުލާންކުރާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގެ 8 ކޭސްއެއް ފެނިފައިވާއިރު، ބައްޔަށް ޝައްކު ކުރެވޭ 27 މީހުން އައިސޮލޭޝަންގައި އެބަތިއްބެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާ މީހެއް އަދި ފެނިފައެއްނުވެއެވެ. އެގޮތުން ރާއްޖެއިން ޕޮޒިޓިވްވި ހުރިހާ މީހުންނަކީވެސް ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ 2 ފަތުރުވެރިންނެވެ. އެއަށްފަހު ބަަތަލާ އައިލެންޑް ރިސޯޓުންވެސް 2 މީހުން ޕޮޒިޓިވްވިއިރު، އޭގެ ފަހުން ކުރެއްދޫއިން އިތުރު 2 ކޭސް ވަނީ ފެންމަތިވެފައެވެ. އޭގެ އިތުރުން، ބުދަ ދުވަހު ކުރަމަތި އައިލެންޑް ރިސޯޓުންވެސް 2 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.