އިންޑީއާގައި މިހާރު ފާހަގަ ކުރަމުންދާ "ހޯލީ" ފެސްޓިވަލް އާ ގުޅިގެން "ބާޣީ 3" އަށް ބޮކްސް އޮފީހުގައި ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޓައިގާ ޝްރޯފް އާއި ޝްރައްދާ ކަޕޫރު ލީޑްރޯލުން ފެނިގެންދާ މި ފިލްމް ރިލީޒް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ހަލުވި ކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރު ރިލީޒް ކުރި މި ފިލްމަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި ވަނީ 17.50 ކްރޯޑް ރުޕީސް ލިބިފައެވެ. ނަމަވެސް ޖެހިގެން އައި ދުވަސް ތަކުގައި ފިލްމަށް ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.
ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަސް ތެރޭގައި "ބާޣީ 3" އަށް ލިބިފައިވަނީ 62.92 ކްރޯޑް ރުޕީސްއެވެ. ފިލްމް ރިލީޒް ކުރުމުގެ ކުރިން ޓްރޭޑް އެނަލިސްޓުން ލަފާކޮށްފައިވަނީ މި ފިލްމަށް ހަތަރު ދުވަސް ތެރޭގައި މަދުވެގެން 70 ކްރޯޑް ރުޕީސް ލިބޭނެ ކަމަށެވެ.
ހޯލީ ވެސްޓިވަލް އާ ގުޅިގެން ގިނަ ތިއޭޓަރުތައް ހެނދުނު ގަޑީގައި ބަންދުކޮށްފައި ހުރި ނަމަވެސް މެންދުރުފަހު ތިއޭޓަރުތައް ހުޅުވުމާއި އެކު ގިނަ ބަޔަކު ދަނީ މި ފިލްމް ބެލުމަށް ތިއޭޓަރުތަކަށް ވަންނަމުންނެވެ.
އެހެންކަމުން ޕްރޮޑިއުސަރު ހިތްހަމަޖެހޭވަރަށް މި ފިލްމަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. މި ފިލްމަށް ފަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ވަނީ 75-77 ކްރޯޑް ރުޕީސް އަށް ދޭތެރޭ އަދަދަކަށް އަރާފައެވެ.
އެހެންކަމުން ހަފްތާއެއްގެ ތެރޭގައި މި ފިލްމަށް ލިބޭ އާމްދަނީ 90 ކްރޯޑާއި ގާތް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަހުމަދު ޚާން ޑައިރެކްޓް ކުރާ މި ފިލްމްގައި ޓައިގާ އާއި ޝްރައްދާގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ވިޖޭ ވަރްމާ ފެނިގެންދެއެވެ. މި ފިލްމްގައި ޚާއްސަ ލަވައަކުން "ބާޣީ 2" ގެ ތަރި ދިޝާ ޕަޓާނީވެސް ފެނިގެން ދެއެވެ.