ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާ ގުޅޭގޮތުން ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ޢަމުރު ކުރައްވައިފިއެވެ.
ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން މި ޢަމުރު ނެރުއްވާފައިވަނީ ހޯމަ ދުވަހުއެވެ.
އެގޮތުން ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާމެދު ކުރެވެމުންދާ ތުހުމަތުތަކުގެ ސަބަބުން އެކަން އިތުރަށް ތަހުޤީޤުކޮށް އެކަންކަމުގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޢަމުރެއް ނެރުއްވާފައިވާ ކަމަށެވެ.
ޕީޖީ އެހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނިގެން އޭނާ ފްލައިޓުން ބޭލި ކަމަށާއި، އޭނާ އެއަށްފަހު މާލޭގައި ހުންނަ މާގިރި ހޮޓަލަށް ދިޔަ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ޅ ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަ ނުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަމުގައި ޖިނާޢީ އެއްވެސް ކުށެއް ހިމެނޭކަން ނުވަތަ ނޫންކަން ބަލަމުންދާ ކަމަށެވެ.
ޕީޖީ އޮފީހުން އެހެން ބުނެފައިވާއިރު، ހޯމަ ދުވަހު އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވަނީ ކުރެއްދޫގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން އިޓަލީ މީހާ ޕޮޒިޓިވްވި ކޭސްގައި ހެދުނު "ކޮންޓެކްޓް ޓްރޭސިންގ" އަށްފަހު، ދެ ދުވަހު ( 1 މާރޗުން 2 މާރޗަށް) އެ ފަތުރުވެރިޔާ މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މަޑުކޮށްފައިވާކަން އެނގިފައިވާ ކަމަށާއި، އެ ފަތުރުވެރިޔާއާ "ކޮންޓެކްޓް" ވެފައިވާކަމަށް ޤަބޫލު ކުރެވޭ 13 މީހަކު މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެ ފަތުރުވެރިޔާ ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަކަށް ޒިޔާރަތް ކޮށްފައިވާތީ އެތަނުގައި މަސައްކަތް ކުރާ އެކަކު ފަރުކޮޅުފުށީގައި ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ރާއްޖެއިން ކޮވިޑް-19 ގެ 4 ކޭސްއެއް ފެނިފައިވުމާއެކު ރާއްޖޭގެ ނެޝަނަލް އެލަރޓް ވަނީ ރީނދޫ އެލަރްޓް ލެވެލް ގައެވެ. އޭގެ އިތުރުން، ކުރެއްދޫ އައިލެންޑް ރިސޯޓު އޮތީ އޮރެންޖް އެލަރޓްގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
މި މައްސަލައާ ގުޅޭ ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ޕީޖީ ޢަމުރު ނެރުއްވާފައިވާއިރު، ޕީޖީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ޖިނާޢީ ކުށެއް ކަމަށް ތުހުމަތު ކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިނަމަ ނުވަތަ އެފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ އެކަން ތަހުޤީޤު ކުރުމަށް ޢަމުރު ނެރުމުގެ އިޚުތިޔާރު ޤާނޫނޫ އަސާސީން ވަނީ ލިއްބައިދީފައެވެ.