ދިރާގުން މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިރާގުގައި "މައިންގެ ކޮޓަރިއެއް" ޤާއިމުކޮށްފިއެވެ.
ދިރާގުން ބުނީ މައިންގެ ކޮޓަރިއެއް ޤާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އޮފީހުގައި މަސައްކަތްކުރާ މައިންނަށް އެ މީހުންގެ ތުއްތު ދަރިންނަށް ގާތުން ކިރުދީ، ޕަންޕްކުރުން ފަދަ ކަންތައް ކުރުމަށާއި ފަސޭހަކޮށް ރައްކާތެރި މާޙައުލެއް ހޯދައިދިނުމަށް ކަމަށެވެ.
ތުއްތު ދަރިއެއް ލިބުމާއެކު ވަޒީފާއަށް އަނބުރާ އަންނަން ޖެހޭ މައިންނަކީ ނުހަނު ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. ޒިންމާދާރު ވަޒީފާއެއް އަދާކުރުމުގެ އިތުރުން ޢާއިލާއެއް ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަން ޖެހި، ހަމަ ހަމަ އަށް ދެބައި ބެލެހެއްޓުން ވެގެންދަނީ ގިނަ މައިންނަށް ކުރިމަތިވާ ގޮންޖެހުމަކަށެވެ. އަދި ގިނަފަހަރަށް ވަޒީފާގައި ދިގު ގަޑިތަކެއް ހޭދަކުރަން ޖެހުމުން 2 އަހަރުން ދަށުގެ ތުއްތު ދަރިފުޅަށް ގާތުން ކިރު ދިނުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. މަސައްކަތުގައި، ލިބޭ ހުސްވަގުތުގައި ގަޑިތަކުގައި ގެޔަށް ގޮސް ގާތުންދީ ކަންތައްކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުމުގެ ސަބަބުން ވަރަށް ގިނަ ފަހަރު ގާތުން ކިރުދިނުމަށް ބުރޫ އަރާ، އަދި ބައެއް ފަހަރު ހުއްޓާލަން ޖެހި، ފޯމިއުލާ އަށް ބަދަލު ކުރަން ޖެހޭ ޙާލަތު އާދެއެވެ. މީގެ ސަބަބުން މައިންގެ ޞިއްޙަތައްވެސް ނުހަނު ނޭދެވޭ އަސަރު ކުރާކަމަށް ގިނަ ހޯދުންތަކުން ވަނީ ދައްކާފައިއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައިވެސް މައިންގެ ކޮޓަރިތަށް ކޮންމެ އޮފީހެއްގައި ޤާއިމުކުރުން ވަނީ ލާޒިމުކޮށްފައިއެވެ. ސަބަބަކީ ވަޒީފާގެ މާޙައުލުގައި ގިނަ ވަގުތު ހޭދަކުރުން ޖެހުމުން މި ކަހަލަ ފެސިލިޓީތައް ވަޒީފާގެ މާޙައުލުން ފަސޭހަކަމާއެކު ލިބުމަކީ ކޮންމެހެން މުހިންމު ކަމަކަށް ވާތީއެވެ. އަދި އަންހެނުންނަށް ވެސް ކާމިޔާބު ވަޒީފާއަކާ އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ފުރުޞަތު މަގުފަހިކޮށް، އަންހެނުން ބާރުވެރިކުރުމަށެވެ.
މުވައްޒަފުންގެ މަންފާއާއި ކުރިއެރުމަކީ ދިރާގުން ނުހަނު އިސްކަމެއްދޭ ކަމެއް ކަމަށާއި މުވައްޒަފުންގެ ދުޅަހެޔޮކަމާއި ޞިއްޙަތު އަދި ވަޒީފާގެ މާޙައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާޞަލާތީ ޚިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ކުންފުނީގެ ކާމިޔާބީގައި އަންހެން މުވައްޒަފުންގެ ޙިއްސާ ނުހަނު ބޮޑެވެ. އެހެން ކަމުން، އަންހެނުން ބާރުވެރިކޮށް ވަޒީފާގެ މާޙައުލުގައި ހަމަ ހަމަ އުޞޫލުތަކަށް ޢަމަލުކުރުމަކީ ދިރާގުން ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ގޮތެވެ.
ދިރާގުގެ ޢަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ޒިންމާދާރު އަންހެން މުވައްޒަފުންނަށް ވަޒީފާގައި އަދި ދިރިއުޅުމުގައިވެސް ކާމިޔާބު ބަޔަކަށް ވުމަށެވެ.