ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ހެޕީ މާކެޓުން އެތެރެކޮށް ވިއްކަ އެއްވެސް ބާވަތެއްގެ ސާމާނު އަގުބޮޑު ނުކުރާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރެމުންދާތީ ސަޕްލައި ޗެއިން އަށް އަންނަ ހީނަރުކަމާއި އަދި ރަމަޟާން މަހުގެ ޑިމާންޑް އިތުރު ވުމާއި ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި ކާބޯ ތަކެތި ބޭނުންވާ ވަރަށް ނުލިބިދާނެކަމަށާއި އަދި ތަކެތީގެ އަގު އުފުލޭނެތީ އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ.
އެ ކުންފުނިން އެތެރެކޮށް ވިއްކާ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ވެސް ރާއްޖެ އެތެރެ ކުރަން ރޭވިފައިވާ ޓައިމްލައިނާއި އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީން ކަން މިވަގުތަށް ލިބިފައިވާ ކަމަށާއި، ހަމަ އެއާއެކު އެ ހުރިހާ ބާވަތެއްގެ އަގު ރަމަޟާން މަސް ނިމެންދެން ވެސް ބޮޑުނުކޮށް ހިފަހައްޓާނެ ކަމަށް ބުނެފައިވެއެވެ.
ވަކިން ޚާއްސަކޮށް އެ ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ ފިނިކުރި ކުކުޅާއި ކުކުޅުގެ ބައިތަށް އަދި ކުކުޅު ބިހުގެ އަގު މާރުކޭޓުގައި ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ހެޕީމާރކެޓުން ބުނެއެވެ. އަދި މީގެ އިތުރުން މިއަދުން ފެށިގެން ފިނިކުރި ކުކުޅު ވިއްކާ އަގު އެންމެ ބޮޑަށް ދަށްކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ހެޕީ މާރކެޓުން ބުނީ އަގުތަށް ރަމަޟާން މަސް ނިމެންދެން ވެސް އެގޮތުގައި ހިފެހެއްޓުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ގައުމަށް ދިމާވެފައިވާ މި ހާލަތުގައި ކެތްތެރިކަން އިސްކޮށް ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދު ތަކާއި އެއްގޮތަށް އެންމެހާ ރައްޔިތުން ވެސް އަމަލު ކުރުމަކީ ކުންފުނީގެ އެދުމެއް ކަމަށް ބުނެފައިވެއެވެ.