އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ޔޫކޭ އިންޑިޕެންޑެންސް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހަމައެކަނި މެމްބަރު އެ ޕާޓީން ވަކިވެ ވަޑައިގެން މިނިވަން މެމްބަރަކަށް ވެވަޑައިގެންފިއެވެ.
ޑަގްލަސް ކާސްވެލް ވިދާޅުވީ އޭނާ އެކަން ކުރައްވަނީ އެކުވެރި ގޮތެއްގައި ކަމަށެވެ.
ޔޫކޭ އިންޑިޕެންޑެންސް ޕާޓީގެ ކުރީގެ ލީޑަރު ނައިޖަލް ފަރާޖް ދާދިފަހުންވަނީ ޑަގްލަސް ކާސްވެލް މަސައްކަތް ކުރައްވަނީ ޕާޓީއާ ދެކޮޅަށް ކަމަށް ތުހުމަތު ކުރައްވައި އޭނާ އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ.
ޕާޓީގެ ލީޑަރު ޕައުލް ނައްޓޯލް ވިދާޅުވީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް ކާސްވެލް އެއްބާރުލުން ދެއްވާކަމަށާއި ނަމަވެސް އެޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު އޭނާ އެހާ ފަސޭހަ ނޫންކަމަށެވެ.
ކްލެކްޓަންގެ ގޮނޑިއަށް އެ ޕާޓީގެ ތެރެއިން އާ ކެނޑިޑޭޓަކު ހޮވުމަށް މިހާރު ދަނީ ގޮވާލެވެމުންނެވެ.
ޕާޓީގެ ލީޑަރު ވިދާޅުވީ ކާސްވެލްގެ އިސްތިއުފާއަކީ ހައިރާން ކުރުވި ޚަބަރެއް ނޫންކަމަށެވެ.
ޔޫކޭ އިންޑިޕެންޑެންސް ޕާޓީއަކީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް އެންމެ ބޮޑަށް ކެމްޕެއިން ކުރަމުންދިއަ ޕާޓީއެވެ،