ހެލްތް ކެއަރ ބިލް ފެއިލްވީ ޑެމޮކްރޭޓުންގެ ސަބަބުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ.
ބިލް ފާސްކުރެވޭވަރަށް ތާއީދު ނުލިބުމުން ހުކުރު ދުވަހުވަނީ އެ ބިލް ކޮންގްރެސްއިން އަނބުރާ ނަގާފައެވެ.
ވޮޝިންގޓަން ޕޯސްޓްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޑެމޮކްރޭޓުންގެ އެންމެ ވޯޓެއްވެސް ލިބިވަޑައިނުގެންނެވި ކަމަށާއި ކުޑަކޮށް ލަދު ގަނެފިކަމަށް އަދި އެހެންވެ ބިލް އަނބުރާ ނެގީކަމަށެވެ.
އެންމެ ފަހު ވަގުތު ބިލް އަނބުރާ ނަގަން ޖެހުން ވެގެންދާނީ ރައީސް ޓްރަމްޕްއަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ނާކަމިޔާބީއަކަށް ކަމަށެވެ.
އޮބާމާ ކެއަރ ބާތިލްކޮށް އައު ހެލްތްކެއަރ ގާނޫނެއް ގެނައުމަކީ ރައީސް ޓްރަމްޕްގެ ރިޔާސީ ވައުދު ތަކުގެ ތެރެއިން މައިގަނޑު އެއް ވައުދެވެ.
ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޕައުލް ރަޔަން ވިދާޅުވީ ރިޕަބްލިކަނުންގެ ވޯޓް ބޭނުންވާ އެންމެ ދަށް އަދަދު ކަމަށްވާ 215 ވޯޓް ނުލިބުމުން ރައީސް ޓްރަމްޕްއާ އޭނާ އެއްބަސްވެވަޑައިގެން ބިލް އަނބުރާ ނެންގެވީ ކަމަށެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ވެސް އަޣުލަބިއްޔަތު މިވަގުތު އޮތީ ރިޕަބްލިކަނުންނަށެވެ. ނަމަވެސް ރިޕަބްލިކަންގެ ތެރެއިން 28 އާ 35 އާ ދެމެދުގެ އަދަދަކަށް މެމްބަރުން ރައީސް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ "އެމެރިކަން ހެލްތް ކެއަރ އެކްޓް"އާ ދެކޮޅުކަމަށް އެތައް ރިޕޯޓްތަކެއް ބުނެއެވެ.
ބައެއް މެމްބަރުންގެ ކަންބޮޑުވުމަކީ މި ބިލުގައި ހެލްތް ކަވަރޭޖް މާބޮޑަށް ކަނޑާލާފައި ވުމެވެ. އަނެއްބައި މެމްބަރުންގެ ކަންބޮޑުވުމަކީ ބަދަލުތައް އަންނަން ޖެހޭ މިންވަރަށް ނައުމެވެ.
މި ބިލަކީ އާއްމުންގެ ތާއީދުވެސް ނެތް ބިލެއްގެ ގޮތުގައިވަނީ ފެނިފައެވެ. ދާދި ފަހުން ނެގުނު ޕޯލްއަކުން ދައްކާ ގޮތުގައި މި ބިލަށް ތާއީދުކޮށްފައި ވަނީ އެންމެ 17 އިންސައްތަ މީހުންނެވެ.
ބިލް އަނބުރާ ގެންދެވުމަށްފަހު ޓްރަމްޕްވަނީ އޮބާމާކެއަރ "ގޮވާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ގާނޫނުހަދާ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައި އަދި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޕައުލް ރަޔަންއަކީ މިފަދަ ބިލްތަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ފަރާތް ނަމަވެސް ރައީސް ޓްރަމްޕް އޭނާއަށް ފާޑުވިދާޅެއް ނުވެއެވެ.
.