ކ. މާލެ
|
15 ފެބްރުއަރީ 2020 | ހޮނިހިރު 18:25
ނިއުރޭޑިއަންޓް ކުޅުންތެރިން އެފްއޭކަޕް ތަށްޓާއެކު
ނިއުރޭޑިއަންޓް ކުޅުންތެރިން އެފްއޭކަޕް ތަށްޓާއެކު
އެފްއޭއެމް
ނިއުރޭޑިއަންޓް
ނިއުރޭޑިއަންޓް ކޮޅަށް ޖެހުމަށް ސަޕޯޓަރުން ކުރާ މަސައްކަތަށް ސާބަސް!
ސަޕޯޓަރުން ވަނީ 10،000 (ދިހަހާސް) ޖާޒީ ވިއްކުމަށް ނިންމައިފަ
ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު
ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ އެފްއޭއެމްގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާގެ ދަށުން

ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އެއް ކްލަބް އަދި ސަޕޯޓަރުން އެންމެ ގިނަ ކްލަބް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދިމާވެފައިވާ ހާލަތުން ކްލަބް ސަލާމަތް ކުރުމަށް ސަޕޯޓަރުން ނިކުމެ، ކުރަމުންދާ މަސައްކަތަކީ ނަމޫނާ މަސައްކަތްތަކެކެވެ. ނިއުރޭޑިއަންޓްގެ ސަސްޕެންޝަނާއިއެކު ސަޕޯޓަރުން ހިއްވަރު އެލުވާނުލާ އެދުވަހުން ފެށިގެން މިއަދާ ހަމައަށް އެކުރަނީ އެހެން ކްލަބްތަކުން މިސާލު ނަގަންޖެހޭ ފަދަ މަސައްކަތްތަކެކެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވައި ހިންގާ ހުރިހާ ހަރަކާތަކުން ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. ސަސްޕެންޑް ކުރަން ނިންމުމަށްފަހު އެފްއޭއެމްއިން ނެރުނު ބަޔާނުގައި އެއިދާރާއިން ބުނީ އެ އިދާރާގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާ އިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއު އިން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާ އާއި އުޖޫރަ ދައްކާ ހަލާސްކުރުމާ ހަމަޔަށް އެފްއޭއެމްއިން ހިންގާ ހުރިހާ ކަންކަމުން ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ.

އޭގެ ފަހުން އެފްއޭއެމްގައިހުރި ނިއުރޭޑިއަންޓްގެ ފައިސާއިން ބައެއް ކުޅުންތެރިންނަށް އެފްއޭއެމްއިން ވަނީ މިހާރު ފައިސާ ދައްކައިފައެވެ. މިއާއިއެކު ނިއުރޭޑިއަންޓްގެ ސަޕޯޓަރުން އަންނަނީ ކުރިޔަށްވުރެ ޖޯޝާ ފޯރީގައި އައު ކަމެއް ކުރަން ފަށައިފައެވެ.

ސަޕޯޓަރުން މިފަހަރު ކުރަން ނިންމި ކަމަކީ މުޅި ރާއްޖޭގައި ނިއުރޭޑިއަންޓްގެ ޖާޒީ ވިއްކަން ފެށުމެވެ. އެގޮތުން ސަޕޯޓަރުން ވަނީ 10،000 (ދިހަހާސް) ޖާޒީ ވިއްކުމަށް ނިންމައިފައެވެ. ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅުވައިލައިގެން 10،000 ޖާޒީ ވިއްކަން ނިންމައިފައިވާ ކަމަށާއި ޖާޒީ އެއްވިއްކާނީ 500 ރުފިޔާއަށް ކަމަށެވެ. އެހެންކަމުން މި ދިހަ ހާސް ޖާޒީ ވިއްކިއްޖެ ނަމަ ނިއުރޭޑިއަންޓްގެ ދަރަނި ދެއްކޭވަރަށް ފައިސާ ސަޕޯޓަރުންނަށް ލިބޭނެއެވެ.

ދާދިފަހުން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ވަނީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. މިނިސްޓަރ މަހުލޫފް ވަނީ ނިއުރޭޑިއަންޓް މިހާރު އޮތް ހާލަތުން އަރައި ގަތުމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން އެހީވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މަހުލޫފްގެ އިތުރުން ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވެސް ވަނީ ނިއުރޭޑިއަންޓް މިއަދު އޮތް ހާލަތުން އަރައި ގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އާޒިމް ވިދާޅުވީ ކުރިޔަށް އޮތް ސީޒަނުގައި ނިއުރޭޑިއަންޓް ފެންނަން ޖެހޭނެ ކަމަށާއި އެކަމަށް ސަޕޯޓަރުން އެކުރައްވާ މަސައްކަތުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މި މަސައްކަތްވެގެންދާނީ ދަތި އުނދަގޫ މަސައްކަތަކަށް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ނިއުރޭޑިއަންޓް ފާހަގަވެގެން ގޮސްފައިވަނީ ސަޕޯޓަރުން އެންމެ ގިނަ ކްލަބްގެ ގޮތުގައެވެ. އެގޮތުން ނިއުރޭޑިއަންޓް ކުޅޭ މެޗުތަކަށް ގަލޮޅު ދަނޑުގެ މަޖީދީ މަގާއިވީ ފަޅީގެ ސިޑިބަރި ފުރޭއިރު އެ ސިޑި ބަރިއަކީ ނިއުރޭޑިއަންޓް ސަޕޯޓަރުންގެ ރަސްމީ ސިޑިބަރިއެވެ. ސަޕޯޓަރުންގެ އިތުރުން ނިއުރޭޑިއަންޓް ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމަށެވެ. އެގޮތުން ނިއުރޭޑިއަންޓްއިން ވަނީ މި ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ އޭއެފްސީ ކަޕްގެ ތިންވަނަ ހޯދައިފައެވެ.

- ކޮމެންޓް