ހަ އަހަރު ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު މިސުރުގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ހުސްނީ މުބާރަކް ހުކުރު ދުވަހު މިނިވަން ކޮށް ދޫކޮށްލައިފިއެވެ.
އުމުރުން މިހާރު 88 އަހަރު ފުރިފައިވާ މުބާރަކް ދޫކޮށްލި އިރު ހުންނެވީ ގާހިރާގެ ދެކުނުގެ ސަރަހައްދެއްގައި ހުންނަ މާދީ މިލިޓަރީ ހޮސްޕިޓަލުގައި ބަންދުކޮށްފައެވެ.
މުބާރަކްގެ ގާނޫނީ ވަކީލް ފަރީދުއް ދީބު މީޑީއާ އަށް ހާމަކޮށްފައިވާ ގޮތުގައި މިނިވަންވުމުން މުބާރަކްވަނީ ހުކުރު ދުވަހު ހެދުނު ގެއަށް ވަޑައިގެންފައެވެ.
އެމެރިކާގެ ތާއީދާއެކު އަރަބި ދުނިޔޭގައި ގިނަ ދުވަސްތަކަކަށް ވަރުގަދަ ބާރެއްގެ ގޮތުގައި ހުންނެވި މުބާރަކް ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރު އޭރުގެ މިސްރުގެ ރައީސް އަންވަރުއް ސާދާތު އަވަހާރަ ކޮށްލި ހާދިސާއަށް ފަހުގައެވެ. ސާދާތުގެ ވެރިކަމުގައި މުބާރަކްއަކީ މިސްރުގެ ނައިބު ރައީސްއެވެ.
އޭގެ 30 އަހަރު ފަހުން މުބާރަކު ވެރިކަމުން ވައްޓާލީ ރައްޔިތުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް މިސްރުގެ ތަހުރީރު މައިދާނުގައި ހުއްޓުމެއް ނެތި 18 ދުވަސް ވަންދެން އިހުތިޖާޖުކޮށްގެންނެވެ.
މުބާރަކް އަކީ އަރަބި ގައުމެއްގެ ވެރިކަން ކުރެއްވި ބޭފުޅަކު އޭނާގެ އަމިއްލަ ގައުމުގައި ޝަރީއަތުގެ ކުރިމައްޗަށް ހާޒިރު ކުރެވުނު ފުރަތަމަ ފަރާތްކަން ފާހަގަ ކުރެވެއެވެ.
މުބާރާކް ފުރަތަމަ ބަންދުކޮށްފައި ބެހެއްޓީ މިސްރުގެ މަޝްހޫރު ޓޯރާ ކޮމްޕްލެކްސްގައެވެ. ނަމަވެސް ފަހުން ބަންދުގެ ދުވަސްތައް އޭނާ ހޭދަކުރެއްވީ މާދީ މިލިޓަރީ ހޮސްޕިޓަލުގައެވެ.
މުބާރަކްގެ މައްޗަށް އެތައް ކުއްތަކެއް ކުރެއްވި ކަމަށް ތުހުމަތު ކުރެވުނު އިރު އޭގެ ތެރޭގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުއްތައް ހިމެނުނުކަން ވެސް ފާހަގަ ކުރެވެއެވެ.
މުބާރަކްގެ މައްޗަށް ކުރެވުނު ތުހުމަތު ތަކުގެ ތެރޭގައި ތަހްރީރު މައިދާނުގައި އިހްތިޖާޖު ކުރަމުން ދިޔަ މީހުންގެ ތެރެއިން 239 މީހުން ފުލުހުންނަށް އޯޑަރު ދެއްވައިގެން މަރާލުމާއި، ދައުލަތުގެ ޚަޒާނާއިން އެތައް މިލިއަން ޑޮލަރެއް ނެންގެވުމާއި، 2011 ވަނަ އަހަރުގެ އިހްތިޖާޖުގެ ތެރޭގައި މިސުރުން އިންޓަރނެޓް ކަނޑާލުމަށް އަމުރު ކުރެއްވުން ހިމެނެއެވެ.
މުބާރަކްގެ ޝަރީއަތްތައް ކުރިއަށް ދިޔައިރު މާދީ ހޮސްޕިޓަލުން އޭނާ ކޯޓަށް ގެނެސްފައިވަނީ ހެލިކޮޕްޓަރުގައެވެ. އަދި ހެލިކޮޕްޓަރުން ބާލައިގެން ކޯޓަށް ވައްދާފައިވަނީ ސްޓްރެޗަރުގައެވެ. މުބާރަކް ސްޓެރެޗަރުގައި އޮންނަވަނީ އަވި އައިނެއް އަޅުއްވައިގެންނެވެ.
މުބާރަކްގެ ޚުދުމުޚުތާރު ވެރިކަން ވެއްޓުމަށްފަހު މިސްރުގައި ގާއިމްވި ފުރަތަމަ ޑިމޮކްރަޓިކް ވެރިކަމުގެ ރައީސަކަށް ވެ ވަޑައިގެންނެވި މުހައްމަދު މުރުސީއަށް ވެރިކަމުގައި ހުންނެވުނީ އެންމެ އަހަރެއްހާ ދުވަހެވެ.
މުރުސީގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި މިލިޓަރީ ވެރިޔާ އަބްދުލް ފައްތާހު ސީސީގެ ވެރިކަމުގައި ރައްޔިތުންނަށް ތަހައްމަލު ކުރަންޖެހިފައިވާ ދަތި އުނދަގޫތަކުގެ ސަބަބުން މުބާރަކްގެ ޝަރީއަތައް ރައްޔިތުން ދިން ސަމާލުކަން އެނބުރިގެން ދިޔަކަން މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
މުބާރަކްގެ ޝަރީއަތުގައި މުޒާހަރާ ކުރި މީހުންގެ ގަޔަށް ބަޑިޖެހުމުގެ ކުށުގައި އޭނާގެ މައްޗަށް އުމުރު ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް 2012 ވަނަ އަހަރު އައެވެ. ނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމުން އެ ހުކުމް ބާތިލްކޮށް އަލުން ޝަރީއަތް ކުރުމަށް އިސްތިއުނާފް ކޯޓުން ހުކުމް ކުރިއެވެ.