Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 20:07
މަސީހުގެ ނޯ ކޮންފިޑެންސް ވޯޓްގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ފާރިސް
މަސީހުގެ ނޯ ކޮންފިޑެންސް ވޯޓްގައި އެންމެ އިސްކޮށް އުޅުއްވާ އެއް ބޭފުޅަކީ ފާރިސް
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށް ރައީސް މައުމޫން ފެކްޝަނުން ބުނޭ

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބުނެފިއެވެ.

 

ރާއްޖޭގެ ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫނުގެ އޮފީހުން ހުކުރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އޭނާ މިހާރު ކުރައްވާ މަސައްކަތަކީ ޕާޓީގެ ރައީސް މައުމޫންގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކުރައްވާ މަސައްކަތެއް ކަމަށެވެ.

 

އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމް ތަމްސީލްކުރައްވައި ޕާޓީގެ ދިދަ ބޭނުންކުރެއްވުމުން އެކަން ކުށްވެރިކޮށް ޕީޕީއެމްގެ މުސްތަޝާރު އަބްﷲ ޔާމީންގެ ފެކްޝަނުން ބުނެފައިވަނީ ފާރިސްއަކީ ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށެވެ.

 

އެ ބަޔާނަށް ރައްދުދީ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފާރިސްއަކީ ޕާޓީގެ ކައުންސިލް މެންބަރެއްގެ އިތުރުން ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕާޓީގެ މުއައްސިސެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލްކުރައްވާ ފާރިސްއަކީ މިހާރު ވެސް އެ ޕާޓީގެ މެންބަރެއް ކަމަށެވެ. އަދި ޕާޓީގެ ގައުމީ ޖަލްސާއިން އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ޕީޕީއެމްގެ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅަކީ ވެސް ފާރިސް ކަމަށް ވެސް އެ ނޫސް ބަޔާނުގައި ވެއެވެ.

 

"އެ މަނިކުފާނު ޕާޓީން ވަކިކުރިކަމަށް ބުނާއިރު ޕާޓީގެ އެއްވެސް ގުނަވަނަކުން އެ މަނިކުފާނު ވަކި ކުރިކަމަށް ބުނާ ޕާޓީގެ އެއްވެސް ލިޔުމެއް މިއަދާ ހަމައަށް އެމަނިކުފާނަށް ލިބިވަޑައިގަންފައެއް ނުވެ އެވެ. އަދި ޕީޕީއެމް އިން އެމަނިކުފާނު ވަކިކުރިކަމަށް ބުނާ މައްސަލަ ފާރިސް ވަނީ ކޯޓަށް ހުށަހަޅުއްވާފަ އެވެ." މައުމޫންގެ އޮފީހުން ބުންޏެވެ.

 

ޕާޓީގެ ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވައިދުތަކާއި ހިލާފަށް ފާރިސް މައުމޫން އެއްވެސް ކަމެއް ކުރައްވަމަކުން ގެންދަވާފައެއް ނުވާ ކަމަށް ވެސް ބަޔާމުގައި ވެއެވެ. ފާރިސް މައުމޫން މި ވަގުތު ކުރައްވަމުން އެ ގެންދަވާ މަސައްކަތަކީ، ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވާފައިވާ ހުވަޔާއި އެއްގޮތަށް، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންގެ ހައްގުގައި، ޕާޓީގެ ރައީސް މައުމޫންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކުރައްވަމުންގެންދަވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

 

އިދިކޮޅު ފަރާތްތަކާ އެކު ފާރިސް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރަމުން ބަޔާނުގައި ބުނެފައި ވަނީ، އެފަދަ ގައުމީ މަސައްކަތަކަށް ފިތުނަފަސާދަ އުފެއްދުމޭ ކިޔައި، ދިވެހި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދައްކާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމަކީ ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

 

ފާރިސް ޕާޓީން ވަކިކުރަން ނިންމި މައްސަލާގައި ކޯޓަށް ހުށަހެޅި ނަމަވެސް މިއަދާ ހަމައަށް ވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެހެންވެ އޭނާ ޕާޓީން ވަކިވި ކަމަށް ބެލެވޭނެ ޖާގައެއް އޮތް ކަމަކަށް ނުދެކޭ ކަމަށް ބަޔާނުގައި ވެއެވެ. އެ މައްސަލަ ހައެއްކަ ފަހަރު މަތިން ސިވިލް ކޯޓުގައި ޝެޑިއުލް ކުރި ކަމަށާއި އެކަމަކު މައްސަލަ ކުރިޔަށް ނުގެންދެވިފައި ވަނީ އެ މައްސަލާގައި ޖަވާބުދާރީ ވާންޖެހޭ ފަރާތްތަކުން ހާޒިރު ނުވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް