މިއީ ދެން ރާއްޖެއަށް ޖެހިފައިވާ ކުޑަވަރެއްގެ ވަބާއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޯހިޔާވަހިކަމަށް ޖެހިފައިވާ މީހުންނަށޭ ކިޔާ، ފްލެޓްތަކާއި ރޯ ހައުސްތައް އަޅާ، ރައްޔިތުންނަށް ލައްކަ ދަޅަ ދައްކާނެއެވެ. އާހިރުގައި ބޭނުންކުރަނީ، ސިޔާސީ ތާއީދު ހޯދުމުގެ ވަސީލަތަކަށެވެ. ހައްގުވެރި ފަރާތްތައް އެކަހެރިކޮށް، އިސްކުރަނީ ވަފާތެރިންނެވެ. އަދި ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް، މިއީ ހަގީގަތެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި، ބައި ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކުރެވިގެން ތަރައްގީކުރަން ފަށާ، މިހާރު ނިމުމަކާ ގާތްވެފައިވާ، ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމުގައިވެސް އިސްކުރީ މި އުސޫލެވެ. ނިކަމެތި އެތައް ބަޔަކު ލައްވާ ފްލެޓް ޔަގީންކުރަން ޕާޓީގެ މެމްބަރަކަށްވާން ފޯމްތައް ފުރުވިއެވެ. ފްލެޓަށް އެދުނު އެތައް ބަޔަކަށް ގުޅާ، ތާއިދުކުރަނީ ކާކަށްތޯ އަހާ ސުވާލުކޮށް ހެދިއެވެ. މިއީ ހަމަ ކޮށްފައި ހުރި ކަންކަމެވެ.
ބޭއިންސާފުން އެތައް ބަޔަކަށް ފްލެޓްތައް ދީފައި ހުރީކީ ހަމައެކަނި ޔާމީންގެ ސަރުކާރުގައޭ ބުނުމަކީވެސް ގޯހެކެވެ. އެކަން ނުކުރާ ސަރުކާރެއް ނެތޭ ބުނުން މާ ރަނގަޅެވެ. މިކަމުގެ ހެއްކަކަށް ހުޅުމާލޭގައި މިހާރުވެސް މީސް މީހުންގެ ނަން މަތީގައި ހުރި ފްލެޓްތަކުގައި ދިރިއުޅެނީ ކޮންބައެއްކަން ބަލާލުމުން ފުދެއެވެ.
ރައީސް މައުމޫންގެ ދައުރުން ފެށިގެން، މިއަދާ ހަމައަށް އެތަނުން ދޫކޮށްފައިވާ ގިނަ ފްލެޓްތަކުގައި ދިރިއުޅެނީ ކޮންމެވެސް ބަޔަކު ކުލި ދައްކައިގެންނެވެ. މިއީ ބޯހިޔާވަހިކަމެއް ނެތިގެން އެތައް ޝަރުތެއް ހަމަވެގެން މަތިން މަރކްސް ހޯދައިގެން ފްލެޓްތައް ލިބުނު "ހައްގުވެރި" ފަރާތްތަކުން ކަންކުރާ އުސޫލެވެ. މިއަދު އެތައް ބަޔަކަށް އެއީ ފައިސާލިބޭ އެސެޓެކެވެ.
ހުރިހާވެސް މައްސަލައަކީ، އެންމެ ފުރަތަމަވެސް ދެންނެވިހެން، ސިޔާސީ ފަރާތްތަކުން އެ ފަރާތްތަކަށް ތާއީދު އިތުރުކުރަން ގެންގުޅޭ ވަސީލަތަކަށް ބޯހިޔާވަހިކަން ހެދުމެވެ. ޕާޓީއަކަށް ތާއީދުކުރުމަކީ، ފްލެޓު ލިބުމުގެ ޝަރުތަކަށް ވުމުން ދެން ހައްގުވެރިންގެ ވާހަކަ ދައްކާނީ ކަނޑު ކޮހެކެވެ. ކޮންމެއަކަސް ވީކަމެއް ވީއެވެ. ދެން އޮތީ މުސްތަގުބަލުގައި މިހެން ނުވާނެހެން ކަށަވަރުކުރުމެވެ.
ހިޔާ މަޝްރޫއާ ގުޅޭގޮތުން ކުރެވިފައިވާ ތުހުމަތުތަކާއި އެހެނިހެން ބޯހިޔާވަހިކަމުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފަައްދާފައިވާ ކޮމިޓީއަށް ކުރާން އޮތީ އިލްތިމާސެކެވެ. 24000 މީހުންގެ ބޯހިޔާވަހިކަމުގެ އުއްމީދު ކޮނޑުލައިގެން އުޅޭއިރު، ހަގީގަތުގައިވެސް ތިޔަ ފްލެޓްތައް ދެވެނީ ހައްގުވެރިންނަށްތޯ ކަށަވަރުކުރަން ކުރެވުނު ހުރިހާ ކަމެއް ކުރަންވާނެއެވެ.
ވަކި މީހަކީ ވަކި ޕާޓީއެއްގެ މީހަކަށް ވެފައި، ވަކި ބަޔަކަށް ތާއީދުކުރުމަކީ ޝަރުތަކަށް ނެހެދުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. ފިޔާތޮއްޓަކަސް، ރީނދުލަކަސް، ރަތަކަސް އަދި ފެއްސަކަސް، ހުރިހާ ރައްޔިތުންނަށް ބަލަންވާނީ އެއް ހަމައަކުންނެވެ. އެހެން ސަރުކާރުތަކުން ހެދި ގޯސްތައް މިފަހަރު ނަހަދާނެ ކަމުގެ ފޮނި އުއްމީދުގައި، އެތައް ހާސް ރައްޔިތުންނެއް ތިބީ އިންތިޒާރުގައެވެ.