Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 12:09
ޝިދާތާ ޝަރީފް އަދި ޖެންޑަރ މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ނިންމެވި، އާއިޝަތު މުހައްމަދު ދީދީ
ޝިދާތާ ޝަރީފް އަދި ޖެންޑަރ މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ނިންމެވި، އާއިޝަތު މުހައްމަދު ދީދީ
ރާއްޖެ އެމްވީ
ޖެންޑަރ މިނިސްޓަރ
ޝިދާތާ އިސްތިއުފާ ދެއްވުމުން ޖެންޑަރ މިނިސްޓަރުކަމަށް އާއިޝަތު މުހައްމަދު ދީދީ
ޝިދާތާ އިސްތިއުފާ ދެއްވުމަށް ނިންމެވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ތައްޔާރުވަމުންދަނިކޮށް

ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން ޖެންޑަރ މިނިސްޓަރުކަމަށް އާއިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

މިނިސްޓަރ ޝިދާތާ ޝަރީފްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންނެވިކަން ހާމަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޮލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވާ ކޮށްދެއްވި މަސައްކަތަށް ޝިދާތާއަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ޖެންޑަރ މިނިސްޓަރުކަމަށް އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވަފައި ހުންނަވާ ސަފީރު، އާއިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

Advertisement

ޝިދާތާ އިސްތިއުފާ ދެއްވުމަށް ނިންމެވީ، އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފައިވަނިކޮށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާޤުންނެވެ.

ޝިދާތާ އިސްތިއުފާ ދެއްވިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އަދި ޖެންޑަރ މިނިސްޓްރީގެ އިހުމާލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ޝިދާތާއާމެދު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޖެންޑަރ މިނިސްޓަރު ޝިދާތާގެ އިސްތިޢުފާ ދެއްވުމަށް ގޮވާލައި އަޑުގަދަވެގެން ދިޔައީ، ދެ އަހަރުވެސް ނުވާ ކުޑަކުއްޖަކާ، އެކުއްޖާ މުނިކާފަ އާއި ކާފަ ޖިންސީ އަނިޔާދިންއިރު، އެ ތުއްތު ކުއްޖާގެ ބައްޕަގެ އިހުމާލު އެކަމުގައި ތުހުމަތު ކުރެވޭ މައްސަލަ ފެންމަތިވި ހިސާބުން ނެވެ. އޭގެ ފަހުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާދިން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ޖެންޑަރ މިިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ، ވެސް ޝިދާތާގެ އިސްތިޢުފާއަށް ގިނަބަޔަކު ދިޔައީ ގޮވަމުން ނެވެ.

އެންމެފަހުން، ކުރީގެ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" އަޙްމަދު ހިޝާނަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލާގައި، ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ ހުށަހެޅި މަޖިލީހަށް ބަލައިގަނެ، މެންބަރުން ބަހުޘް ކުރައްވާފަ އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ. މި މައްސަލަ މަޖިލީހުން ބަލައިގަތީ 41 މެންބަރުންގެ ވޯޓާއި އެކުއެވެ. މިމައްސަލައަށް ބަހުުސް ކުރެއްވި މެމްބަރުން ވަނީ މިނިސްޓަރު ޝިދާތާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް