Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2020 | ބުރާސްފަތި 07:36
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ތެރެއިން
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީގެ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަކީ އާއިޝަތު މޫސާ!
އެހެން ކެންޑިޑޭޓުންގެ ކެންޑިޑެސީ ވަނީ ބާތިލްކޮށްފައި
ސުލޫކީ މައްސަލަ އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މިހާރު ހުށަހަޅާފައި
ވޯޓު ފޮއްޓާއެކު ވޯޓު ކަރުދާސްތައް ވަނީ މަގުމައްޗަށް އުކާލާފައި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަކީ އާއިޝަތު މޫސާ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން ބުނީ ލޯކަލް ކައުސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ހެންވޭރު ހުޅަނގު ދާއިރާގެ ވޯޓު ގުނައި ނިމުމާ ގާތަށް ގޮސްފައިވަނިކޮށް، ވޯޓު ކަރުދާހެއް ބާޠިލު ކަމުގައި ކަނޑައެޅި ގޮތާމެދު އުފެދުނު ޚިލާފެއްގެ ސަބަބުން ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ކަރުދާސްތައް ޖަހައިގަތުމަށް ބައެއް މެންބަރުން މަސައްކަތްކުރަން ފެށުމުން، ވޯޓު ފޮށީގެ ވެރިޔާގެ އެދުމުގެ މަތީން ވޯޓު ކަރުދާސްތައް ރައްކާތެރިކަމާއެކު ވާނީ އަލުން ވޯޓު ފޮއްޓަށް އަޅައި ފޮށި ބަންދުކޮށް ވޯޓުފޮށި ބަހައްޓާ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

އޭގެ ފަހުން، އެ ދާއިރާގެ ވޯޓު އަލުން ގުނުމަށްޓަކައި އެދާއިރާގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން އަދި ކޮންމެ ކެންޑިޑޭޓަކު އެއް މަންދޫބާއެކު 5 ފެބުރުއަރީވީ އަންގާރަ ދުވަހުގެ 14:30 އަށް ޕާޓީ އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނިކޮށް އެދާއިރާއަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އަޙްމަދު އާސިމް، (ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހިމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި، މުޙައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) އިތުރު ބަޔަކާއެކު ޕާޓީ އޮފީސް ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގި ކަމަށް އެމްޑީޕީން ބުންޏެވެ.

Advertisement

އެމްޑީޕީން ބުނީ ވޯޓުފޮށި ޖަހައިގަނެ އޮފީހުން ބޭރަށް ގެންދިއުމަށްފަހު ފޮށި ހުޅުވައި އެ ފޮށީގައި ހުރި ވޯޓުކަރުދާސްތައް ނަގައި މަގުމައްޗަށް އުކައި އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އަރައިގެންފައިވާތީއާއި، މިކެންޑިޑޭޓުންގެ މި އަމަލަކީ ޕާޓީގެ މެންބަރުންގެ ސުލޫކާ ޚިލާފް، އަދި ޕާޓީގެ ނަމުގައި އިންތިޚާބީ މަގާމަކަށް ވާދަކުރުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންގެ ކިބައިން ފެނިގެންނުވާނޭފަދަ ޢަމަލަކަށްވާތީ، މިމައްސަލައިގައި ކަންހިނގައިދިޔަ ގޮތް ބަލާފައިވާ ކަމަށެވެ.

އެގޮތުން އަޙްމަދު އާސިމް، (ކެންޑިޑޭޓު ނަންބަރު 3) އާއި އިބްރާހީމް މަނިކު، (ކެންޑިޑޭޓު ނަންބަރު 1) އާއި، މުޙައްމަދު ފިޝާވިން ސަލީމް (ކެންޑިޑޭޓް ނަންބަރު 5) ގެ ކެންޑިޑެސީ ބާޠިލުކޮށް ލޯކަލް ކައުންސިލް އިންތިޚާބުގެ ހެންވޭރު ހުޅަނގު ދާއިރާއިން މާލޭ ސިޓީ ކައުންސިލްއަށް މި ޕާޓީގެ ފަރާތުން ވާދަކުރާނޭ ކެންޑިޑޭޓަކީ އާއިޝަތު މޫސާ (ކެންޑިޑޭޓް ނަންބަރު 2) ކަމުގައި ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ އަންގާރަ ދުވަހު ހިންގި ހަމަނުޖެހުމުގައި ބައިވެރިވި އަޙްމަދު އާސިމް އާއި އިބްރާހީމް މަނިކު، އާއި، މުހައްމަދު ފިޝާވިން ސަލީމް އެހަމަނުޖެހުމުގައި ބައިވެރިވެފައިވާތީ ސުލޫކީ މައްސަލަ އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް