Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 12:15
ޖެންޑަރ މިނިސްޓަރ ޝިދާތާ، މަޖިލީހުގެ ކޮމިޓީގައި
ޖެންޑަރ މިނިސްޓަރ ޝިދާތާ، މަޖިލީހުގެ ކޮމިޓީގައި
ރާއްޖެއެމްވީ
މަޖިލިސް
މަޖިލީހުން ޝިދާތާއަށް: އިސްތިއުފާ ދެއްވާ، އެހެންނޫނީ މަޤާމުން ވަކި ކުރާނަން!
ޝިދާތާއަށް ޒިންމާ އަދާކުރެވިފައި ނުވާކަމަށް މެމްބަރުން ވިދާޅުވި
އަބަދުވެސް ދިފާއުގައި ވާހަކަދައްވަމުން ގެންދަވާ ކަމަށް އިވާ ވިދާޅުވި
އިސްތިއުފާ ނުދެއްވައިފިނބަމަ މަގާމުން މަކި ކުރާނެ ކަމަށް މެމްބަރުން ވިދާޅުވި

ޖެންޑަރ މިނިސްޓްރީ އިހުމާލު ވެފައިވާ ކަމަށް ބުނެ ޝިދާތާ ޝަރީފު މިނިސްޓަރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.

މިގޮތަށް މެންބަރުން ގޮވާލައްވާފައިވަނީ ފެމިލީ ކޯޓުން ބެލެނިވެރިކަން ހަވާލު ނުކުރުމަށް ޙުކުމް ކޮށްފައި ވަނިކޮށް، ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ އަޙްމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ޚާއްޞަ އެހީއަށް ބޭނުންވާ 19 އަހަރުގެ ޒުވާނަކު ހުރި މައްސަލައިގައި ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލު އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުޘް ކުރައްވަމުންނެވެ.

Advertisement

މި މައްސަލައަށް ބަހުޘް ކުރައްވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވީ ދާދި ފަހުން ފެންމަތިވި މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ ބޮޑެތި މައްސަލަތަކުގައި އިހުމާލުވި ކަމަށް ތުހުމަތު ކުރެވެނީ އޭރުވެސް މިހާރުވެސް އެއް ފަރާތްތަކަކަށް ކަމަށެވެ. މެންބަރު ވިދާޅުވީ ތަކުރާރުކޮށް އިވެމުންދަނީ އެއް މުއައްސަސާ އިހުމާލުވަމުންދާ ވާހަކަ ކަމަށެވެ. އަދި ފިޔަވަޅު ނާޅާ، އެވާހަކަ ދައްކަން ތިބޭ ނަމަ، އެންމެ ފަހުން ޒިންމާ ނަގަންޖެހޭނީ މަޖިލީހުން ކަމަށެވެ. މެންބަރު ވިދާޅުވީ އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު
އިބްތިހާލް ކިޔާ ކުއްޖަކަށް ކަންތައް ވެގެން ދިޔަ ގޮތުގެ ވާހަކަ އެންމެންނަށް އެނގޭ. އެކަމުގައި ވެސް އޮތީ އިންތިހާޔަށް ކަމާ ގުޅޭ މައްސަލަތަކުގެ އިހުމާލު އޮތް ވާހަކަ. އަދި މިއަދު އަޅުގަނޑުމެން މިދެކެވޭ ބޭބޭފުޅުން އެކަމުގައިވެސް އިހުމާލުވެފައި އޮތްކަމުގެ ވާހަކަ. އިއްޒަތްތެރި ރައީސް ޝައީމް ކިޔާ ކުއްޖަކު ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ފިލައިގެން ގެއްލިގެން ދިޔަ މައްސަލައިގައި ހަމަ މިވާހަކަ. ހަމަ ތަކުރާރުކޮށް މިވާހަކަ. އިއްޒަރްތެރި ރައީސް މަޑުއްވަރީގައި ރ. އަތޮޅު މަޑުއްވަރީގައި 13 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކޮށްގެން ކައިވެނިން ބޭރުގައި އެހިނގާދިޔަ ކަންތަކުގައިވެސް ހަމަ މިވާހަކަ. ހަމަ މި މުއައްސަސާގެ އިހުމާލުގެ ވާހަކަ. އަނެއްކާވެސް ދެ އަހަރުގެ ކުއްޖަކާއިމެދު ހިނގާދިޔަ ކަންތައް
އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު

މި މައްސަލަތަކުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް މެންބަރު ވަހީދު ވިދާޅުވެފައިވާއިރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވެސް ވަނީ ޖެންޑަރ މިނިސްޓަރ ޝިދާތާގެ އިސްތިޢުފާއަށް ގޮވާލައްވާފައެވެ.

ޖެންޑަރ މިނިސްޓަރުގެ އިސްތިޢުފާއަށް ގޮވާލާ އީވާ ވިދާޅުވީ މިހިސާބަށް އައިރު ޖެންޑަރ މިނިސްޓަރގެ މަޤާމުގެ ޒިންމާ ޝިދާތާއަށް އަދާ ކުރެވިފައި ނުވާކަމަށެވެ. އަދި އިސްތިޢުފާ ނުދެއްވައިފިނަމަ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު އިހުމާލެވަފައިވާ ނަމަ ޖެންޑަރ މިނިސްޓަރުގެ މަޤާމުން ވަކި ކުރާނެ ކަމަށެވެ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ
އިސްތިއުފާ ދެއްވާށޭ. މިހިސާބަށް އައި އިރު، އަޅުގަނޑުމެން މި މައްސަލަތައް ބަލަން މިތިބީ. އެކަމަކު ކަމަނާއަކަށްނުވި، އެހެންވީމަ އިސްތިއުފާ ދެއްވަންވީ، އެހެންނޫނީ އަޅުގަނޑުމެން އެހިސާބަށް ދާން ޖެހިއްޖިއްޔާ އަޅުގަނޑުމެން މި މައްސަލަ ބަލާފައި ވަކިކުރަން ޖެހިއްޖިއްޔާ ރައްޔިތުންގެ މަޖިލީހުން އިހުމާލުވާ މިނިސްޓަރު ނުވަތަ މިނިސްޓަރު ވަކި ކުރުމަށް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީން ކަން ދަންނަވަން
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ

އިވާ ވިދާޅުވީ މިފަދަ އެތައް މައްސަލައެއް ފެންމަތިވަމުންދާއިރު މިނިސްޓަރަށް އަޅަންވީ ފިޔަވަޅުތަކެއް ނޭޅުނު ކަމަށެވެ. މުޅިންވެސް ދިފާޢުގައި ވާހަކަދައްކަވަމުން ގެންދަވާފައިވާކަން ފާހަގަކުރައްވާ އީވާ ވިދާޅުވީ މިކަމުގައި މުޖުތަމަޢުގައި އެއްވެސް ކުއްޖަކަށް އަދި އެއްވެސް ފަރާތަކަށް ރައްކާތެރިކަން އިހުސާސުވާ ގޮތަކަށް އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށެވެ.

މި މައްސަލައަށް ބަހުޘްކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވީ ހިޝާންގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ނުކުޅެދުންތެރިކަން ހުރި ޒުވާނަކާއި މެދު އޭނާ ޢަމަލުކޮށްފައިވާ ނުރަނގަޅު ގޮތްތަކާއި އަދި އެކަން ސަރުކާރުގެ ކަމާބެހޭ ވުޒާރާ (ޖެންޑަރ މިނިސްޓްރީ) އަށް އެނގިތިބެ، އޭނާ އަށް އެމްބެސެޑަރ ކަން ދިނުމުގެ މައްސަލައަކީ ކުޑަކަމެއް ނޫން ކަމަށެވެ.

އަދި ފުލުސް އިންޓެލިޖެންސުން ލިބުނު މަޢުލޫމާތުގެ މައްޗަށް ޖެންޑަރ މިނިސްޓްރީން ރިޕޯޓެއް އެކުލަވާލާފައި ކަން ޙަސަން ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާގެ ބެލެނިވެރިކަމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ޒުވާނާ ބެހެއްޓުމަކީ ފެމިލީ ކޯޓަށް ފެންނަ ކަމެއް ނޫން ކަމަށް ނިންމާފައިވީ ނަމަވެސް މިއަދާ ހަމަޔަށް އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި އެކުއްޖާ ބަހައްޓާ، އެކަންކަން ހިނގަމުންދިޔައިރު މިނިސްޓްރީން އަޅާލާފައިނުވާކަމަށް ހަސަން ވިދާޅުވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް
މިއީ އިހުމާލެއް. މިއީ އިހުމާލެއް ނޫން ކަމަށް ވަންޏާ ދެނެއް ސަރުކާރަކުން ވާނެ އިހުމާލެއް ނޯންނާނެ. އަޅުގަނޑު އެދެން ވަރަށް އިހުލާސްތެރިކަމާއި އެކީގައި ޖެންޑަރ މިނިސްޓަރަށް މިއަދު އިސްތިއުފާ ދެއްވުމަށް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް

ޙަސަން ވިދާޅުވީ އޯގާތެރި ސަރުކާރަކަށް ވަކާލާތު ކުރަމުން އައި ޕާޓީ، އެމްޑީޕީއަކަށް މިފަދަ ކަންކަން ހިނގަމުންދާއިރު ދެ އަތް އުރާލައިގެން ނޯވެވޭނެ ކަމަށެވެ. އެގޮތުން މިނިސްޓަރ އިސްތިޢުފާ ނުދެއްވައިފިނަމަ، މަޤާމުން ވަކި ކުރުމުގެ މަސައްކަތް އެ ޕާޓީން ކުރާނެ ކަމަށެވެ. އެގޮތުން ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބި، ބިރުވެރިކަމެއްގެ ތެރޭގައި އޮންނަ މަންޒަރު ބަލާކަށް އެޕާޓީންނެއް ނޯންނާނެ ކަމަށެވެ.

ޖެންޑަރ މިނިސްޓަރު ކަމުގެ މަޤާމަށް ޝިދާތާ ޝަރީފް ޢައްޔަނުކުރައްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް