ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 18:19
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންއާ، ނައިބު ރައީސް ފައިސަލް ފަތްކޮޅު ހަވާލުކުރައްވަނީ
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންއާ، ނައިބު ރައީސް ފައިސަލް ފަތްކޮޅު ހަވާލުކުރައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ޝިކާރަވެރިއެއްކަން އެނގިހުރެ ބޮޑު ގޮނޑިއާއި އޮފީސް ދިނުމުންވެސް ވަކިކުރާކަށް ނުވޭތޯ؟
ހިޝާންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑަރއަށް އިނގޭ!
އޭނާގެ ޕާސްޕޯޓް ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި
ޖެންޑަރ މިނިސްޓްރީގެ އިހުމާލު އޮތްކަން ހައިކޯޓުގެ ޝަރީއަތުން ވަނީ ހާމަވެފައި

ހިޔެއްވެސް ނުކުރަމެވެ. ދަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކުގައި ވަކާލާތުކޮށް، ފަގީރުންނަށް އެހީތެރިވުމުގައި ނަމޫނާ ދައްކަމުން އަންނަ މީހެއްގެ ގޮތުގައެވެ. ބައްދަލުކުރެވުނު ހުރިހާ ފަހަރެއްގައި ދެކެވުނީ، އެ ފަރާތްތަކުގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތަކުގެ ވާހަކަ އެވެ.

ނަމަވެސް، މިއަދު މަންޒަރު ވަރަށް ތަފާތެވެ. މީޑިއާގައި ތިލަވެފައިވާ ވާހަކަތަކުންނާއި ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކުގެ މަޖިލީހުގައި ފާހަގަކުރާ ނުކުތާތަކުން ސިފަވެގެން ދަނީ، "ދަރުމަވެރިއެއްގެ" ފަގުޑި އަޅައިގެން ހުރި ނުބައި ނުލަފާ މީހެކެވެ. ހައްގުގައި މަސައްކަތްކުރުމުގެ ނިވަލުގައި، ޝިކާރަކުރަމުން ދިޔަ އަނިޔާވެރިއެކެވެ.

ދާދި ފަހަކާ ޖެހެންދެން އަހުމަދު ހިޝާނަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މަޝްހޫރު ފަރާތެކެވެ. ގައުމީ އިނާމާއި ސަރުކާރުން ދޭ އެހެނިހެން އެވޯޑް ހޯދާފައިވާ ފަރާތެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ އެންމެ ގަދަ އަޑެވެ.

އޭނާގެ މަސައްކަތުގެ އަގުވަޒަންކޮށް، ވިޔަފާރިތަކުން ވަނީ އޭނާއަށް ސައިކަލާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ޑިސެބިލިޓީ އެމްބެސަޑަރެވެ. ފުލުހުން އޭނާގެ މައްސަލަ ބަލާކަން އެނގުނު ދުވަހާ ހަމައަށް އޭނާއަކީ "ހޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރު" ގެ މަގާމު ސަރުކާރުން ދީފައި ހުރި މީހެކެވެ.

ހިޝާންގެ އަސްލު ސޫރަ ފެނުމާ ގާތަށްވެސް ދިޔައީ، ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ބެލެނިވެރިކަން ހިޝާނަށް ނުދޭން ފެމިލީ ކޯޓުން ނިންމި މައްސަލަ އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރުމުންނެވެ. ޝަރީއަތުގެ މަޖިލީހުގައި ހާމަވެގެން ދިޔައީ ސިއްސައިގެން ދާވަރުގެ ވާހަކަތަކެކެވެ. ބޮޑުތަނުން ޖެންޑަރ މިނިސްޓްރީ އިހުމާލުވެފައިވާ ކަމުގެ ސާފު ހެއްކެވެ.

ދެ ސަރުކާރެއްގެ ޖެންޑަރ މިނިސްޓްރީއަށްވެސް، ހިޝާންގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެއް ސަރުކާރުގެ ޖެންޑަރ މިނިސްޓްރީން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އޭނާއާ ފެޔަށް ޖެހިލިއިރު، އަނެއް ސަރުކާރުން އޭނާގެ މައްޗަށް ތުހުމަތުތައް ކުރެވުނު ނަމަވެސް ކުރީ ގާތެވެ. ރަމްޒީ ވިޔަސް، ދިނީ ބޮޑު މަގާމެކެވެ.

ޖެންޑަރ މިނިސްޓްރީގެ ފަރާތްތަކާ ކޮށްލަން އޮތް ސުވާލަކީ މިވަރު ހަމަ ބަލާނުލެވުނީތޯ؟ އެވެ. ނޫނީ ހަމަ އެނގި ތިބެވެސް ފަސް އަޅާ ފޮރުވީތޯ؟ އެވެ. މި ދެ ގޮޮތުން ކުރެ ކޮންމެ ގޮތެއް ވިޔަސް، އިހުމާލެއް ނެތް ކަމަކަށް ނުބެލެވޭނެ އެވެ. ހަމަ ތިޔަ ތިއްބެވީ ބޮޑުތަނުން ފެއިލްވެފަ އެވެ. އެންމެ މަތީ ފަޑިން ފެށިގެން ގޮސް އެންމެ ތިރިޔާ ޖެހެންދެން، ހަމަ ބޮޑު ތަނުން ފެއިލްވެފަ އެވެ.

އިހުމާލުގެ މައްޗަށް އިހުމާލެވެ. ބޮއްސުންލައިގެން ގޮސްފައިވާ ކަންކަމުގައި އެޅުނު ފިޔަވަޅެއް ފެންނާން ނެތީ އެވެ. މިހެންވާ އިހުމާލަށް ވެރިން ޒިންމާ ނަގަން ޖެހޭނެ އެވެ. ކަންކަމަށް ފާރަވެރިވެ ގޮތް ނިންމަން ވަޒީރުންނޭ ކިޔާ، ކާރުކޮޅަކާ ބޮޑު މުސާރައާ ސެކިއުރިޓީއާ، ރައްޔިތުންގެ ފައިސާއިން ހަރަދުކޮށް، ސަރުކާރުން ފޯރުކޮށްދެނީ އެ ބޭނުމުގައެވެ.

ތިމަންނާއަށް ވާނެ ކިޔާ، މީޑިއާގައި ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް، ރައްޔިތުންގެ ކުރިމަތީގައި މިހާރު އެއީ ސަޅިބައިސާ އެވެ. މިއަދު ތިޔައިން އެކަކުވެސް އެ މަގާމަށް ކުފޫ ހަމަވާ ކަމަކަށް، ހަމަ ގައިމުވެސް ގައުމުގެ އާބާދީގެ ބޮޑު އިންސައްތައަކުން ގަބޫލެއް ނުކުރެ އެވެ.

މި އިހުމާލުގެ ކަންކަން ފެންމަތިވުމުގެ މާކުރިންވެސް، ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފެވެ. ކުރާ ކަންކަމުގައި ވެރިންނަށް ޒިންމާ ނުނެގުނަސް، އާހިރުގައި ބަސް ބުނާނީ ރައްޔިތުންކަން ދަންނާށެވެ. ރައްޔިތުން ގޮތް ނިންމައިފިއެވެ. ނަމަވެސް، ފަހު ބަސް އިއްވާނީ ސަރުކާރުންނެވެ. ބޯޅަ އޮތީ ސަރުކާރުގެ ކޯޓުގައެވެ.

- ކޮމެންޓް
7 ފެބްރުއަރީ 2020 | ހުކުރު 15:50
ށަޒަން
މަވެސް ހިސާން ދަންނަން ތަންކޮޅެއް ކުރިން އެކަމަކު މި ހާރު އޭނައަކީ ދަރުމަވެރިންނައް ނަމޫނާވާންޖެ ހޭނެމީ ހެއް އެހ ހެންވީމާ ކެތްތެރިކަންވެސް ހުންނަންޖެ ހޭނެ. ސަރުކާރުން ފިޔަވަޅުއަޅާ އޭރުން ފަ ހުގެ އަފްރާދުންނައް އެދެވުނީ ދޭންޖެ ހޭ މެސެޖެއް ބަދަލުފެންނާނެ!