Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 05:13
ޖުމްހޫރީ ޕާޓީގެ ޖަލްސާގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ޖަލްސާގެ ތެރެއިން
ޓްވިޓަރ
ޖޭޕީގެ ޖަލްސާ
ޕީޕީއެމްގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭ: ޤާސިމް
ކޯޓުތަކަށް ލިބޭ ބާރުގެ ދަށުން ނަޝީދާއި ނާޒިމް އަދި އިމްރާންގެ މައްސަލަ އަލުން ބަލަން ގޮވާލަން

ޕީޕީއެމްގެ ތެރޭގައި ތިބީ "ބޮޑު ގުޅަ" މެންބަރުން ނޫންކަން ދައްކަން ޖެހޭކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ޕީޕީއެމްގެ ޕަލިމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީން އެޕާޓީގެ މައި އޮފީސް މ ކުނޫޒުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެމެންބަރެއްގެ ދާއިރާއިގެ އެތައް ބައެއްގެ ވޯޓާއެކު ނުލާހިކު ޤަދަރުވެރިކަމާއެކު ނުލާހި އިއްޒަތްތެރިކަމާއެކު އެމަޖިލީހަށް ވަޑައިގަންނަވާ މެންބަރުން ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގައި ތިބި ޕީޕީއެމްގެ ބައެއް މެންބަރުން އަމިއްލައަށް މިއަދު އެޤަދަރާއި ބާރު ދޫކޮށްލާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ މިއަދު އެފަދަ މެންބަރުން ވެފައިވަނީ ހަމައެކަނި ނަމްބަރަކަށް ކަމަށާއި ވެފައިވަނީ "ބޮޑުގުޅައަށް" ކަމަށެވެ.

ބޮޑުގުޅަ މެމްބަރުންގެ މިސާލު ގާސިމް ޖެއްސެވީ، ވަކި ޕާޓީއެއްގެ ޓިކެޓްގައި މަޖިލިހަށް ހޮވުމަށްފަހު، ޕާޓީ ބަދަލު ކޮށްފައިވާ މެމްބަރުންނަށް ކަމަށް ބެލެވެއެވެ.

ޤާސިމް ވިދާޅުވީ މިވަގުތަކީ އެކަން ދޫކޮށް މެންބަރުން މިނިވަންވުމުގެ ފުރުސަތު ކަމަށެވެ. އަނބިދަރިން ހާލުގައި ޖެހިދާނެ ކަމުގެ ބިރަށޭ ބުނެ ފަހަށް ޖެހިގެން ނުވާނެ ކަމަށާއި ކަނޑުއަޑީގައި އޮންނަ ހިރީގެ މެދުގައި އިންނަ ފަނިފަކުސައަށްވެސް ގޮތެއް މާތް ﷲ ލައްވާފައިވާކަން ދެނެ އީމާންތެރިކަން ވަރުގަދަ ބަޔަކަށް ވުމަށް ގޮވާލާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާގެ އެކައުންޓްތައް ފްރީޒް ކުރި އިލާގެ މައްސަލަ މިހާރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި  އިންސާފްގެ ކުނޑިފުކެއް ހިމެނުނަސް އެމައްސަލައިގާ ޤާސިމް ސަރުކާރަށް ދައްކަން ޖެހޭ ބޮޑު ލާރިއެއްވެސް ނޯންނާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ ކޯޓުތަކާ ގުޅޭގޮތުން މީހުން ފާޑުކިޔަމުންދާ ކަމަށާއި އެކަންކަމުން ސަލާމަތްވުމަށްވެސް ބަދަލުތަކެއް ގެނެސް އިންސާފް ޤާއިމް ކުރަން ޖެހޭ ކަމަށެވެ.

ކާނަލް ނާޒިމާއި ރައީސް ނަޝީދު އަދި ޝެއިޚް އިމްރާން ފަދަ ބޭފުޅުންނަށް ކޮށްފައިވާ ޝަރީއަތްތަކަށް އިޝާރާތް ކުރައްވާ ޤާސިމް ވިދާޅުވީ އެހުކުމްތަކުގެ ސަބަބުން ޤައުމުގެ ހަމަޖެހުން ގެއްލިފައިވާ ކަމަށާއި އެހެންކަމުން ކޯޓުތަކަށް ލިބިދޭ ވިރާސީ ބާރުގެ ދަށުން ނަމަވެސް އަލުން އެމައްސަލަތައް ބެލުމަށް ގޮވާލާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް