މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހާ ގުޅިގެން 11،000 އަށްވުރެ ގިނަ ބުކިންގ ކެންސަލް ވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ނިމިދިޔަ ޖެނުއަރީ މަހުގެ 26 އިން ފަށައިގެން މިހިނގާ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ފަތުރުވެރިންގެ 11،115 ބުކިންގ ކެންސަލް ވެފައިވާ ކަމަށެވެ.
ނަމަވެސް ހަމަ އެ މުއްދަތުގައި 24،759 ޓޫރިސްޓު ބުކިންގ ހައްދާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
26 ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ގާތްގަނޑަކަށް 11،115 ކެންސެލޭޝަން އެބަ އޮތް، އެއީ 26 ޖެނުއަރީން ފެށިގެން 2 ފެބްރުއަރީ އާ ހަމައަށް. 24،759 ބުކިންގ ވެސް ހަމަ އެ މުއްދަތުގެ ތެރޭގައި ކޮށްފައިވޭ،ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ރިސޯޓެއްގައި ކަންބޮޑުވާ ކަމެއް ދިމާވިޔަސް މެނޭޖް ކުރެވޭނެކަން މިނިސްޓްރީން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓް ތަކުގެ ތެރެއިން 3 ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓެއްގައި، ޞިއްޙީ މިންގަނޑުތަކަށް ބަލާއިރު މީހަކަށް ޝައްކު ކުރެވުމުން ދެން ހަދާނެ ގޮތުގެ ތަރުތީބުތައް ރޭވިފައި ހުރި ކަމަށާއި، އެ 3 ރިސޯޓުގައި އެ މިންގަނޑު ނެތުމާއި ގުޅިގެން، އެ ު މެނޭޖްމަންޓާއި ގުޅިގެން އެ އިންތިޒާމު ހަމަޖައްސާނެ ގޮތް މިހާރު ތަރުތީބު ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރު އޮޕަރޭޓް ކުރަމުންދާ ރިސޯޓް ތަކުގެ ތެރެއިން 3 ރިސޯޓެއް ނޫން އެހެން ހުރިހާ ރިސޯޓެއްގައި މެޑިކަލް އުސޫލުން އެޗްޕީއޭ މިންގަނޑަށް ބަލާއިރު މީހަކަށް ޝައްކު ކުރެވުނަސް ދެން ހަދާނެ ގޮތުގެ ތަރުތީބުތައް ރޭވިފައި އެބަހުރި، އަދި އެ 3 ރިސޯޓުގައި އެ މިންގަނޑު ނެތުމާއި ގުޅިގެން އެ ރިސޯޓްތަކުގެ މެނޭޖްމަންޓާއި ގުޅިގެން އެ ސެޓަޕް ހަދާނެ ގޮތް ވަނީ ތަރުތީބު ކުރެވިފައި، އަދި ރިސޯޓެއްގައި ކަންބޮޑުވާ ކަމެއް ދިމާވިޔަސް މެނޭޖް ކުރެވޭނެކަން ވަނީ ކަށަވަރު ކުރެވިފައި- މިނިސްޓަރ އަލީ ވަހީދުޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
މިނިސްޓަރ އިތުރަށް ވިދާޅުވީ، ޗައިނާއިން ޑައިރެކްޓް ފްލައިޓުތައް ހުއްޓާލުމަށް ނިންމި ނިންމުމާ ގުޅިގެން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އާޖެންޓީނާގެ 8 ފަތުރުވެރިންނާއި، ޗައިނާގެ 16 ފަތުރުވެރިން ރާއްޖެއިން ފުރާނެ ގޮތެއް ނެތިފައި ތިއްބައި ގަޑި އިރެއްގެ ތެރޭގައި ސަރުކާރުން އެކޮމޮޑޭޝަން ހަމަޖައްސާދީފައިވާ ކަމަށެވެ.
އަދި އާދިއްތަ ދުވަހުގެ ވަގުތެއްގައި އެ ފަތުރުވެރިން ފުރޭނެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، އާދިއްތަ ދުވަހުގެ ރެއާ ހަމައަށް ރާއްޖޭގެ އާބާދީއަށް ފޯރުކޮށްދެވޭ ވަރަށް މާސްކް ލިބެން ހުންނާނެކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، އޭގެ އިތުރުންވެސް އިތުރު ޝިޕްމަންޓްތައްވެސް މި ހަފުތާގެ އެކި ތާރީޚުތަކުގައި ރާއްޖެއަށް އަންނާނެ ކަަމަށެވެ. އަދި ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރީ ޙާލަތުގައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.