އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފަލަސްތީން ކުޅޭ މެޗުގެ ޓިކެޓް ވިއްކުމަށް މީގެ ކުރިން ހަމަޖެއްސި ރޯޑް ޝޯވ ކެންސަލްކޮށް އެފްއޭއެމުންނާއި ޒުވާނުންގެ މަރުކަޒު އަދި ގަލޮޅު ދަނޑުން ޓިކެޓް ވިއްކުމަށް ހަމަޖެހިއްޖެ އެވެ.
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓު ވިއްކުމަށް އެފްއޭއެމުން ތައްޔާރުވަމުން އަންނަ އިރު، ޓިކެޓާއެކު ގައުމީ ޓީމުގެ ޖާޒީ ލިބޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެން ނަމަވެސް ގައުމީ ޓީމުގެ ޖާޒީ ލިބޭ ޕްރޮމޯޝަންގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ވިއްކުމަށް ހަމަޖައްސާފައި ވަނީ 3 ޓިކެޓެވެ. މީގެ އިތުރުން ގޮނޑި ބަރިން އެއް ފަހަރާ ކޮންމެ ބޭފުޅަކަށް ވެސް އެންމެ ގިނައިން ގަންނަން ލިބޭނީ 5 ޓިކެޓް ކަމަށް އެފްއޭއެމުން ބުނެ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ ވިދާޅުވީ ކުރިން ޓިކެޓް ވިއްކުމަށްޓަކައި މާލޭގެ ހަތަރު ސަރަހައްދެއްގައި ރޯޑް ޝޯވ ތަކެއް ބާއްވަން ހަމަޖެއްސި ނަމަވެސް އެކަމަށް ބަދަލު ގެންނަން ޖެހުނީ ގަލޮޅު ދަނޑުގެ ލައިޓިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ރޭގަނޑު މެޗު ނުކުޅެވިދާނެ ކަމުގެ ބިރު ހީވެފައި އޮތުމުން ޓިކެޓް ޕްރިންޓް ކުރުން ލަސްވުމާ ގުޅިގެންނެވެ.
ނާޒިމާ ވިދާޅުވީ މެޗު ކުޅުމަށް ހަމަޖެހިފައިވާ ދުވަސް ކައިރިވަމުން އަންނަ އިރު، މިހާރުން މިހާރަށް ޓިކެޓްތައް ޕްރިންޓްކޮށް ރައްޔިތުންނަށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން އެފްއޭއެމުންނާއި ޒުވާނުންގެ މަރުކަޒު އަދި ގަލޮޅު ދަނޑުން ޓިކެޓް ގަންނަން ލިބޭނެ ކަމަށް ނާޒިމާ ވިދާޅުވި އެވެ.
ނާޒިމާ ވިދާޅުވީ ޓިކެޓްތައް ޕްރިންޓްކޮށް ނިމިފައިވާ ކަމަށާއި އެހެން ކަމުން ހުކުރު ދުވަހު ހަވީރާއި ރޭގަނޑު އެފްއޭއެމް ހައުސް އިން ޓިކެޓް ވިއްކާނެ ކަމަށެވެ. އެހެން ނަމަވެސް މާދަމާ ގަންނަން ލިބޭނީ ސިޑި ބަރީގެ ޓިކެޓް އެކަނި ކަމަށް ވެސް ނާޒިމާ ވިދާޅުވި އެވެ.
ނާޒިމާ ވިދާޅުވީ ހޮނިހިރު ދުވަހާ ހަމައަށް ސިޑި ބަރީގެ ޓިކެޓް ވިއްކި ނަމަވެސް އާދިއްތަ ދުވަހުން ފެށިގެން ގޮނޑި ބަރީގެ ޓިކެޓްތައް ވެސް ވިއްކަމުންދާނެ ކަމަށެވެ.
ޓިކެޓް ވިއްކުމަށް ގެނައި މި ބަދަލުތަކާއެކު ޖާޒީ ލިބޭ ޕްރޮމޯޝަނުން ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓިކެޓް ގަންނަ ފަރާތްތަކަށް ޖޯޒީގެ ސައިޒާއެކު ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
މި ޕްރޮމޯޝަންގައި ގޮނޑި ބަރިން ޓިކެޓް ނަގާ ފަރާތްތަކަށް ޖާޒީއާއެކު ޓިކެޓެއް 200 ރުފިޔާއަށް ލިބެން ހުންނަ އިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާ އަށެވެ. އަދި ވީއައިޕީން ޖާޒީއާއެކު ޓިކެޓެއް 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާ އަށެވެ.
މި ފުރުސަތުގައި ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް ލިބިގެން ނުދާއިރު، ސިޑިބަރީގެ ޓިކެޓްގެ އަގަކީ 50 ރުފިޔާ އެވެ. އެހެން ނަމަވެސް ވަކިން ޖާޒީ ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ޖަމަޖެހިގެންދާ އިރު، ވަކިން ޖަޒީއެއް ލިބެން ހުންނާނީ 310 ރުފިޔާ އަށެވެ.
ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތައް:-
24 މާޗް، ހަވީރު 4 އިން އިރުއޮއްސި 6 އަށް (އެފްއޭއެމް ހައުސް) ރޭގަނޑު 8 އިން 11 އަށް. (ޒުވާނުންގެ މަރުކަޒު)
25 އަދި 26 މާޗް، ހެނދުނު 9 އިން މެންދުރު 12 އަށް، ހަވީރު 4 އިން އިރުއޮއްސި 6 އަށް، އަދި ރޭގަނޑު 8 އިން 11 އަށް. (ޒުވާނުންގެ މަރުކަޒު)
27 މާޗް، ހެނދުނު 9 އިން މެންދުރު 12 އަށް، ހަވީރު 4 އިން އިރުއޮއްސި 6 އަށް، އަދި ރޭގަނޑު 8 އިން 11 އަށް. (ގަލޮޅު ދަނޑު)