ޒިންމާދާރުކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭނެނަމަ އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ގޮވާލައްވައިފިއެވެ.
ހަސަން ލަތީފް އެހެން ވިދާޅުވެފައިވަނީ އަންހެން ކުދިން ޚިތާނު ކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ރައުޔަކަށް އެދި ހެލްތު މޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފޮނުވާފައިވާ ސިޓީގެ މައްސަލާގައެވެ. ނަމަވެސް ފަހުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިދާރީ މެމޯއަކުން ވަނީ އެ ސިޓީ ބާތިލްކޮށްފަ އެވެ. އެސިޓީ ބަތިލްކޮށް، މިނިސްޓަރ ވިދާޅުވެފައިވަނީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށެވެ.
އެ މައްސަލާގައި ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވަނީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ޒިންމާދާރުކަމާއެކު ވަޒީފާ އަދާ ނުކުރެވޭނެނަމަ އިސްތިއުފާ ދެއްވުމަށް މިނިސްޓަރަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް މަސައްކަތް ކުރަން ދަންނަ ވަރަށް ގިނަ ފަރާތްތައް އެބަތިބިކަމަށް ލަތީފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އަންހެން ކުދިން ޚިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް އަންހެނުން ހިތާނުކުރުމާއި ގުޅޭ ރައުޔަކަށް އެދި ސިޓީ ފޮނުވާފައިވަނީ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީންނެވެ.
އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ މިނިސްޓަރ ބާތިލު ކުރައްވާފައިވާއިރު އެ ސިޓީ ފޮނުވުމާއެކު އާންމު އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން ވަނީ އެކަމުގެ ލަފައަކަށް އެދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށްވެސް އެކަން ހުށައަޅާފައެވެ.
އަންހެން ކުދިން ޚިތާނު ކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން ރައުޔަކަށް އެދި ފޮނުވި ހިސާބުން އާންމުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން އަންހެން ކުދިން ޚިތާނު ކުރުމުގެ ނަމުގައި، އެ ހިތްވަރު ދެވެނީ ޖިންސީ އަނިޔާއަށް ކަމަށް މަޖިލީހުގެ ރައީސް ،ރައީސް ނަޝީދުވެސް ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލާގައި ރައީސް މައުމޫންވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.