ކ. މާލެ
|
23 މާރޗް 2017 | ބުރާސްފަތި 03:27
ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފް
ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފް
ނިޝާން އަލީ
ސެންޓްރަލް ޒޯން ވޮލީ
ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން: ޝަރަފް
ރާއްޖެ ބަލިވީ ކިރިގިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުން
ފުރަތަމަ ދެ ސެޓު ނިންމާ ނުލެވުނީ ކީއްވެތޯ ސުވާލު އުފެދޭ

އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުން ބަލިވުމަކީ ޓާގެޓަށް ދިއުމަށް އޮތް ހުރަހެއް ނޫން ކަމަށާއި މާޒީގައި ކަންހިނަގާފައި ހުރި ގޮތުން މިއީ ރަނގަޅު ފެށުމެއް ކަމަށް ބުނެވިދާނެ ކަމަށް ގައުމީ ވޮލީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ޝަރަފް ބުނެފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ކިރިގިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ.

ޝަރަފް ބުނީ މީގެ ކުރިން މުބާރާތްތަކުގައި ވާދަކޮށްފައި ވާނީ މުޅިން ވެސް ގައުމުން ބޭރުގައި ކަމަށާއި އެހެން ކަމުން އަމިއްލަ ގައުމުގައި ކުޅޭ މުބާރާތެއްގެ ފެށުން ރަނގަޅުވާނެ ކަމަށް އުންމީދު ކުރި ކަމަށެވެ. އެހެން ނަމަވެސް ޝަރަފް ބުނީ އޭރު އެހެން ވިސްނިފައި އޮތަސް އަމިއްލަ ގައުމުގައި ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓުން ބަލިވުމަކީ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

ޝަރަފް ބުނީ މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ސެޓުތައް ނިންމާ ނުލެވުނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މެޗުގެ ފަހު ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެއް ކަމަށް ވެސް ޝަރަފް ބުންޏެވެ.

ޝަރަފް ބުނީ އެހެން ނަމަވެސް ދެން ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު މި މެޗުގައި ފެނުނު މިސްޓޭކްތައް ރަނގަޅު ކުރާނެ ކަމަށެވެ.

ޝަރަފް ބުނީ މި މެޗަށް ނުކުތުމުގެ ކުރިން ކޯޗެއް ނަގަންޖެހޭ ފަދަ ވަރުގަދަ ރިސްކެއް ނަގާފައިވާނެ ކަމަށާއި އަދި އެ ރިސްކު ބަރާބަރަށް މަސައްކަތް ކުރި ކަމަށެވެ.

މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ނޭޕާލާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު އެވެ.

- ކޮމެންޓް