ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް ބާއްވާނެ ތަން މާރޗް މަހު އިއުލާންކުރެވިގެންދާނެ ކަމަށް އިވެންޓް އިންތިޒާމު ކުރާ ހަައިރައިޒް ކުންފުނިން ބުނެފިއެވެ.
ރާއްޖެޓީވީގެ ވިޔަފާރި ރިޕޯޓް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖަރ މުހައްމަދު ޝާމީން ވިދާޅުވީ މިފަަހަރުގެ އެވޯޑު ހަފްލާގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ އިތުރުން ތަފާތު ގިނަ ކަންތައްތަކެއް ކުރިއަށްދާނެ ކަމަށާއި އެވޯޑު ހަފްލާ ބާއްވާނެ ތަން ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މާރޗް މަހު އިއުލާން ކުރެވޭނެ ކަމަށެވެ. އަދި އެވޯޑު ހަފްލާގެ ޕާޓްނަރުން އިއުލާންކުރުން މި މަސް ތެރޭގައި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯރޑްސް (ސަޓާ) ގެ ނޮމިނޭޝަނަށް މިހާރު ހުޅުވާލާފައިވާއިރު މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުން ނޮމިނޭޝަނަށް ހުށަހަޅާފައިވާ ކަމަށް ހައިރައިޒް އިން ބުނެއެވެ. ސަޓާ އެވޯޑުގެ ނޮމިނޭޝަނަށް ހުޅުވާލާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހައިރައިޒުން ބުނީ މި ފަހަރު ސަޓާ އެވޯޑަށް 9 ކެޓަގަރީ އިތުރުކޮށްފައިވާނެ ކަމަށާއި، އެހެންކަމުން މިހާރު ޖުމުލަ އެ އެވޯޑު ހަފުލާގައި ޖުމުލަ 52 އެވޯޑު ދޭނެ ކަމަށެވެ.
ސަޓާ އެވޯޑުގައި މިދިޔަ އަހަރު 500 އަށް ވުރެ ގިނަ ޓްރެވަލް އެންޑް ޓޫރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓުވެފައެވެ. އެގޮތުން ގެސްޓް ހައުސް ދާއިރާ އިން ފާހަގަކޮށްލެވޭ ރާއްޖޭގެ ބްރޭންޑެއް ކަމަށްވާ ޔޫއައި ހޮޓެލްސް، ޔޫއައި މޯލްޑިވްސްގެ އިތުރުން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އަދާރަން ކްލަބް ރަންނާޅި އަދި އޭސް ޓްރެވަލްސް މޯލްޑިވްސް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓުވެފައެވެ. ޔޫއައި ހޮޓެލްސް އާއި ޔޫއައި މޯލްޑިވްސް ވަނީ ތިން ކެޓަގަރީއަކަށް ނޮމިނޭޓްވެފައެވެ.
ސަޓާ އެވޯޑަކީ މި ސަރަހައްދުގެ ޓްރެވަލް އަދި ހޮސްޕިޓަލިޓީ ދާއިރާ އިން ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އެވޯޑެކެވެ. އަދި މި އެވޯޑަކީ ނޮމިނޭޓްކުރާ ފަރާތްތަކުގެ މެދުގައި ދެ ގޮތަކަށް އިވެލުވޭޓްވެގެން އެވޯޑު ލިބޭ ފަރާތްތައް ކަނޑައެޅޭ އެވޯޑެކެވެ.
ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ސަޓާ އެވޯޑު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު، ސްރީލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ ފަސް ވަނަ އެޑިޝަން ސަޓާ 2020 އަހަރު ރާއްޖޭގައި ބާއްވާނެ ކަމަށް އިވެންޓް އިންތިޒާމުކުރާ ހައިރައިޒް ކުންފުނިން ބުނެއެވެ.