ކ. މާލެ
|
17 ޖެނުއަރީ 2020 | ހުކުރު 08:38
ޓްރެވަލް އެންޑް ޓްރޭޑް ފެއަރ މަޓްކާގެ ތެރެއިން
ޓްރެވަލް އެންޑް ޓްރޭޑް ފެއަރ މަޓްކާގެ ތެރެއިން
އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީ
ނޯދަން ޔޫރަޕުގައި އޮންނަ އެންމެ ބޮޑު މަޓްކާގައި ރާއްޖެ ތަމްސީލުކުރަނީ
ފެއަރ ކުރިއަށްދަނީ މި މަހުގެ 19 ގެ ނިޔަލަށް
ފެއަރ އޮތީ ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގައި
މިފަހަރު 90 ޤައުމެއްގެ 935 އެގްޒިބިޓަރުން ފެއަރގައި ބައިވެރިވި

މި މަހުގެ 16 އިން 19 އަށް ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއަރ މަޓްކާގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މި ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 7 ކުންފުންޏެއްގެ 11 މަންދޫބުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ފެއަރގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ނޯދަން ޔޫރަޕުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ ފުުރުސަތު ލިބި، އެ ސަރަހައްދުގެ މީޑިއާތަކަށް ރާއްޖޭއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުނެއެވެ.

އެމްއެމްޕީއާރްސީ އިން އިތުރަށް ބުނީ ފެއަރގައި ރާއްޖެ ތަމްސީލުކޮށްދީފައިވަނީ 60 އަކަފޫޓުގެ ސްޓޭންޑެއްގައި ރާއްޖޭގެ ހިތްފަސޭހަ މަންޒަރުތައް ފެންނަ ގޮތަށް ކަމަށާއި ފެއަރ އަށް ޒިޔާރަތްކުރާ މުބާރާތެއް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ސްޓޭންޑްގައި ހުރެ ފޮޓޯ ނެގުމަށް ފަހު ސޯޝަލް މީޑިއާ އަށް އަޕްލޯޑް ކުރަންޖެހޭނެ ކަމަށެވެ. އަދި މުބާރާތުން ގުރުއަތުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ބުންޏެވެ.

ޓްރެވަލް އެންޑް ޓްރޭޑް ފެއަރ މަޓްކާގައި މިފަހަރު 90 ޤައުމެއްގެ 935 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.

ޔޫރަޕަކީ މުހިންމު މާކެޓެއްކަން ފާހަގަކޮށް އެމްއެމްޕީއާރްސީ އިން ބުނީ 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ ޒިޔާރަތްކުރި 1.7 މިލިއަން ފަތުރުވެރިންގެ ތެރޭގައި ޔޫރަޕްގެ 57،370 ފަތުރުވެރިން ހިމެނޭ ކަމަށެވެ.

- ކޮމެންޓް