ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 14:05
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ސީޕްލޭން ޓާމިނަލް
އެމްއޭސީއެލް
ސީޕްލޭން ޓަރމިނަލް
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމަށް ނިންމާފައެއް ނުވޭ: އެމްއޭސީއެލް
 
އެއަރޕޯޓްގައި ހަދާފައިވާ އައު ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއަރޕޯޓުގެ އޮޕަރޭޝަނަށް ވަރަށް މުހިންމު ކަމެއް
 
ޓާރމިނަލް ފަރުމާކުރެވިގެންދާނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް
 
މަޝްވަރާތައް މަޑުޖައްސާލާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން

އައު ސީޕްލޭން ޓާރމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައިވާ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ޚަބަރުތައް އެމްއޭސީއެލް އިން ދޮގުކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން އެމްއޭސީއެލްއިން ބުނީ، އައު ސީޕްލޭން ޓާރމިނަލް ޓީއެމްއޭއަށް ދިނުމަށް ނިންމާފައި ނުވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ފެތުރެމުންދަނީ ހަޤީޤަތާ ޚިލާފު ޚަބަރުތަކެއް ކަމަށެވެ.

އެމްއޭސީއެލް އިން އެހެން ބުނެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއޭސީއެލްގެ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބޭކަމަށް ބުނެފައެވެ. އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާ ހަވާލުކޮށްފި ނަމަ އެބަޔަކު ޖަވާބުދާރީކުރުވަން ފަސްނުޖެހޭނެ ކަމަށާއި، މާލިއްޔަތު ކޮމިޓީން އެކަން ބަލައި ފިޔަވަޅު އަޅާނެ ކަަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް އެމްއޭސީއެލްއިން ބުނީ، އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށާއި، އެކަމުގައި އެމްއޭސީއެލްއިން ކުރިންވެސް މަސައްކަތް ކުރަމުން އައި ގޮތުގެ މަތީގައި އަދިވެސް ދެމިތިބި ކަމަށެވެ. އެގޮތުން އެމްއޭސީއެލްއާ ސީޕްލޭން އޮޕަރޭޓަރުންނާ ދެމެދު ޓާމިނަލް އިން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް މިހާތަނަށް އައިރު އެއްވެސް އޮޕަރޭޓަރަކާއެކު ޓާރމިނަލް އިން ޖާގަ ކުއްޔަށް ދިނުމުގެ މަޝްވަރާތައް ކުރެވިފައިނުވާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި މިވަގުތު މި މަޝްވަރާތައް މަޑުޖައްސާލާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާރމިނަލަކީ ކުރިމަގުގައި ސީޕްލޭން ޓާރމިނަލް ތަރައްޤީ ކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށް އެމްއޭސީއެލުން ބުނީ ޓާރމިނަލެއްގައި ހުންނަން ޖެހޭ ވީވީއައިޕީ/ ލައުންޖް، އަދި ޕެސެންޖަރ، ބެގޭޖް ހެންޑްލިން ފެސިލިޓީ، ރީޓޭލް ވިޔަފާރި، އެފްއެންޑްބީގެ ޚިދުމަތް ލިބޭ ގޮތަށާއި، އެއަރލައިން އޮޕަރޭޓްކުރާ ފަރާތްތަކާއި ޓާރމިނަލް މެނޭޖުކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުުރުން މުވައްޒަފުންގެ ރެސްޓްރޫމް ފަދަ ތަންތަންވެސް ހިމެނޭ ގޮތަށް މި ތަން ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ.

26 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ޢިމާރާތް ކުރެވޭ ކޮމްޕްލެކްސްގައި 4 ފަންގިފިލާގެ (ޖުމްލަ 28000 އަކަމީޓަރު) ގެ ސީޕްލޭން ޓާރމިނަލަކާއި 1 ފަންގިފިލާގެ (120 އަކަމީޓަރުގެ) ވީވީއައިޕީ ޢިމާރާތެއް ހިމެނޭ ކަމަށެވެ. އަދި މި ޓާރމިނަލް ފަރުމާކުރެވިގެންދާނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތް ކުރެވޭ ގޮތަށް ކަމަށް އެމްއޭސީއެލުން ބުންޏެވެ. އެމްއޭސީއެލުން ބުނީ މި އިމާރާތުގެ މަސައްކަތް މިއަހަރުގެ ދެވަނަ ކުއާޓަރގައި ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްއޭސީއެލުން އިތުރަށް ބުނީ އެއަރޕޯޓްގައި ހަދާފައިވާ އައު ރަންވޭ އޮޕަރޭޓުކުރަން ފެށުމަކީ އެއަރޕޯޓުގެ އޮޕަރޭޝަނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް އައު ރަންވޭ އޮޕަރޭޓް ކުރެވެން އަންނަނީ މިވަގުތު ރަންވޭއާ އިންވެގެން ހުރި އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ ފެސިލިޓީސް އާއި އެ ޞަރަޙައްދުގައިވާ އެހެނިހެން ޢިމާރާތްތައް ހުސްކުރެވިގެން ކަމަށެވެ. އަދި ޓީއެމްއޭގެ ޢިމާރާތްތައް ފިޔަވާ، ދެން ހުރި ހުރިހާ ޢިމާރާތްތައް ކުރިއަތް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ. އެހެންނަމަވެސް ޓީއެމްއޭގެ ޢިމާރާތް ހުސްކުރެވެން އަންނަނީ މިވަގުތު މަޑުޖަައްސާލާފައިވާ މަޝްވަރާތަކަށް ޙައްލެއް ލިބިގެންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް