2 ވަނަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، އެމް.އޭ.އެޗް.އާރު.ޕީގެ ދެވަނަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ކުރިއަށްދާނީ މާރޗު މަހުގެ 14 އިން 15 އަށް ދަރުބާރުގޭގައެވެ. މި އެކްސްޕޯގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އިވެންސްޓް އެޓް އެމްއޭއެޗްއާރުޕީ ވެބްސައިޓަށް ޒިޔާރަތްކުރުމުން އެކަމާ ގުޅޭ މަޢުލޫމާތު ލިބޭނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
މި އަހަރުގެ އެކްސްޕޯގައި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމާއެކު، ވަޒީފާގެ މާހައުލަށް ޓެކްނޮލޮޖީ އިތުރުކުރުމާއި، ވަޒީފާގެ މާހައުލަކީ މުވައްޒަފުންނަށް އެންމެ އެކަށީގެންވާ މާހައުލަކަށް ހެދޭނެ ގޮތްތަކާއި، ލީޑަރޝިޕް އަދި އިންސާނީ ވަޞީލަތް ބިނާކުރާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.
މި އެކްސްޕޯގެ މަޤްޞަދަކީ ރާއްޖޭގައި މީހުން ބިނާ ކުރުމަށް ކުރެވޭ މަސައްކަތް ތަކާއި ރާއްޖޭގެ އިޤްތިޞަދު ކުރިއަރަމުންދާ މިންވަރަށް ބަލާއިރު ހުރިހާ ދާއިރާއަކުންވެސް މީހުން ބިނާ ކުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ އާއި އަދި މީހުން ބިނާ ކުރުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ކަންތައްތައް ކުރާ ގޮތްތަކުގެ މަޢުލޫމާތު މީހުންނަށް ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެމް.އޭ.އެޗް.އާރު.ޕީން ބުނެއެވެ.
މި އަހަރުގެ އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގެ ޝިޢާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗަރ – ފިއުޗަރ އޮފް ހިއުމަން ކެޕިޓަލް" އެވެ.