މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށައަޅުއްވާނެ ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭ ކޮމިޓީ ''ސެލެރީސް އެންޑް ވޭޖްސް އެޑްވައިޒަރީ ބޯޑް' ރައީސް ސޯލިޙު އެކުލަވާލެއްވީ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެންނެވެ. އެގޮތުން މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ. އެގޮތުން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ ކަމަށާއި މާގިނަ ދުވަސް ތަކެއް ނުވެ މިނިމަމް ވޭޖު ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލްވެސް ވަނީ ވިދާޅުވެފައެވެ.